އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަދި ޔުނައިޓެޑް ބައްދަލުކުރި މެޗު ދެ ޓީމް އެއްވަރުވެގެން ނިމިއްޖެއެވެ.
މީ މި ދެޓީމުގެ ކުރިމަތިލުން ޖެހިޖެހިގެން އެއްވަރުވި ފަސްވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ ޗެލްސީއިންނެވެ. މިގޯލު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ.
ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރުވަގުތުގެ 4 ވަނަ މިނެޓުގައެވެ.
ޝޯ ހުރަސްކޮށްދިން ބޯޅަ ކަސަމީރޯ ބޮލުން ފޮނުވައިލުމުން ގޯލަށްވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މީ މިއަހަރު ރެއާލްއިން ޔުނައިޓެޑަށް ބަދަލުވި ކަސަމީރޯ ޔުނައިޓެޑަށް ޖަހއިދިން ފުރަތަމަ ގޯލެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނުމެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅެ ގިނަ ހަމަލާ ފޮނުވައިލާފައިވަނީ ޔުނައިޓެޑުންނެވެ.
12 ހަމަލާއެއް ޔުނައިޓެޑުން ފޮނުވައިލިއިރު 6 ހަމަލާއެއް ވަނީ ގޯލާއި އަމާޒުވެފައެވެ. ޗެލްސީ އަށް ފޮނުވައިލެވުނީ 4 ހަމަލާއެވެ. އޭގެތެރެއިން ގޯލާއި އަމާޒުވީ 2 ހަމަލާއެވެ.
މި މެޗަށް ޔުނައިޓެޑުން ނެގި ސްކޮޑުގައި ޕޯޗުގަލްތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއްނުވެއެވެ. ރޮނާލްޑޯ ހިމަނާފައިނުވަނީ ޔުނައިޓެޑުން ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނުމެޗު ނުނިމެނިސް ރޮނާލްޑޯ ބެންޗް ދޫކޮށް ދިއުމުން އެކަމުގެ އަދަބެއްގެ ގޮތުގައެވެ.
މި ނަތީޖާއާއި އެކު ކުޅުނު 11 މެޗުން ހޯދި 21 ޕޮއިންޓާއެކު ޗެލްސީ ތާވަލުގެ 4 ވަނައިގައި އޮތްއިރު ކުޅުނު 11 މެޗުން 20 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ތާވަލުގެ 5 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!