ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް، އެއްޖިއްސުން ގުޅުން ހިންގި ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
އެ މައްސަލައިގާ މިހާރު ބަންދުގައި ތިބީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ އާއި ހަމައެރަށު ހީމަ، މުހައްމަދު މިހާދު މުސްތަފާ އެވެ.
އެ ދެމީހުންގެ ތެރެއިން ހަމްދޫން ގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާއިރު، މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް ޖަހާފައިވަނީ އިތުރު 10 ދުވަހެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލަ މިހާރު އޮތީ ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމުގެ މަރުހަލާގައި ކަމަށެވެ.
އެ ދެމީހުން ވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށްފަ އެވެ.
މީގެ އިތުރުން ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި ފުލުހުން ވަނަވަރު އާންމުކުރި ތިން މީހުންގެ ތެރެއިން މައުމޫން މޫސާ ވެސް ވަނީ ދޫކޮށްލާފަ އެވެ.
ހަމްދޫނަކީ އަމްގިރިއަށް ވަޒީފާދީ މާލޭގައި އުޅެމުންދިޔަ ގޭގައި އޭނާއާ ހަވާލުވެގެން ހުރި މީހާ އެވެ. އަދި މިހާދަނީ ހަމްދޫގެ ދައްތަގެ ދަރިއެއް ކަމަށް އަލަމްގިރީގެ ލީކުވި ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!