އިނގިރޭސި ޕްރިމިއާލީގުގައި މިއަދު ހަވީރު ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނޮޓިންހަމުން ކާމިޔާބު ކޮށްފިއެވެ.

ނޮޓިންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި ސީޒަންގައި މިހާތަނަށް ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗެއް ލިވަޕޫލަށް ކާމިޔާބު ކުރެވިފައި ނުވާއިރު، މިއަދުގެ މެޗުން ވެސް ރަށުން ބޭރުގައި ލިވަޕޫލް މި ވަނީ ބަލިވެފައެވެ. މި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައި ވަނީ ލިވަޕޫލުންނެވެ.

ލަނޑުޖަހާނެ ފުރުޞަތުތައް ވެސް އެ ޓީމުން ތަނަވަސްކުރިއެވެ. މިގޮތުން މެޗުގައި ލިވަޕޫލަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ޑިފެންޑަރ ވެން ޑައިކަށެވެ.

މީގެ އިތުރުން ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ، މުހައްމަދު ސަލާހުއާއި އާނޯލްޑަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. އެ ހަމަލާތަކުގެ ހުރަހަކަށް ވީ ނޮޓިންހަމްގެ ކީޕަރު ހެންޑަސަންއެވެ.

ނޮޓިންހަމުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޓައިވޯ އަވޮނިޔީއެވެ.

މި މެޗަށް ނުކުތްއިރު ނޮޓިންހަމް ފޮރެސްޓް އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. މި މޮޅާއިއެކު އެ ޓީމު ވަނީ 19 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 9 ޕޮއިންޓެވެ. މޮޅުވެގެން ތާވަލުގެ ފަސްވަނައަށް ޖެހިލުމުގެ ފުރުޞަތު އޮތް ލިވަޕޫލް މި މެޗުން ބަލިވުމާއިއެކު މިވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. ލިވަޕޫލަށް 11 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.