އެއްވެސް ދަރިވަރަކީ މުހިއްމުކަން ކުޑަ ކުއްޖެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ލީޑަރ އިން މީ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ތާޖުއްދީން ސްކޫލުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު އެމަނިކުފާނު ވަނީ ސްކޫލު އުމުރަކީ އެއީ ހާއްސަކޮށް ތިމާގެ ގައިގައި ރަނގަޅު އަހްލާގާއި، ރަނގަޅު ސިފަތައް އަށަގެންނެވުމަށްޓަކާ އެންމެ ރަނގަޅު އުމުރުކަން ފާހަގަކުރައްވާފަ އެވެ.

މިއީ ހެޔޮ ކަންކަން ދަސްކޮށް މުޖުތަމަޢުގައި ތިމާއަކީ ބޭނުންތެރި މީހެއްގެ ގޮތުގައި އުޅުމަށްޓަކާ ލިބޭ އެންމެ ރަނގަޅު ފުރުޞަތުކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން އަލަށް މި ފެށި ޕްރޮގްރާމުގެ ފުރިހަމަ ބޭނުން ހިފުމަށް ނައިބު ރައީސް ވަނީ ހުރިހާ ސްކޫލް ދަރިވަރުންނަށް ވެސް ގޮވައިލައްވާފަ އެވެ.

ނައިބު ރައީސް ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ވަކި ދުވަސްތަކެއްވާއިރު، ކިޔަވާ އުމުރަކީ ލީޑަރޝިޕް ކޮލިޓީ ހަރުލެއްވުމަށް މަސައްކަތްކުރުމަށް އެންމެ ރަނގަޅު އުމުރުކަމަށެވެ. އަދި ފިލާވަޅުތަކުގެ އިތުރަށް ސްކޫލުން ބޭރުން ދަސްވާ ކަންކަމުގެ މުހިންމުކަން ވަރަށް ބޮޑުކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

"ދަ ލީޑަރ އިން މީ" މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުންތެރިން އަދި ލައިފް ކޯޗުން ކަމަށްވާ މަސްއޫދު އަލީ އަދި ހުސައިން އަފީފް އެވެ.

މި ބޭފުޅުން އަތޮޅުތެރެއަށް ވަޑައިގެން އެކި ރަށްރަށުގެ ސްކޫލުތަކުގައި ވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.