މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިބުމަކީ ސަރުކާރުން ފޮނުވާ އެއްޗަކަށް އާއެކޭ ބުނެ، ރައްޔިތުންނަށް ބޮޑު ބުރައެއް ދިނުން ނޫން ކަމަށް ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ޗެއާރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ޓެކްސް ބޭނުންކޮށްގެން ނޫންގޮތަކަށް ފައިސާ ނުހޯދެނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އަދި ކުޑަފަރީ ކައުންސިލުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ފަދައިން ދައުލަތުން ކުރަައްވަމުން ގެންދަވާ ބޭކާރު ހަރަދުތައް ހުއްޓާލައިގެން ދެކޮޅު ނުޖެއްސެނީތޯ ވެސް ވަނީ ސުވާލު ކުރައްވާފަ އެވެ.
ހަސަން ވިދާޅުވީ މިފަދަ ކަންކަމަކީ މަޝްވަރާކުރުމަށްފަހު ނޫނީ ގޮތެއް ނިންމޭނެ ކަންކަންކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން އަންނަ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނުކުންނައިރު، ރައްޔިތުންގެ އިތުބާރު ނުގެއްލޭނެ ކަހަލަ ގޮތަކަށް މިފަދަ ކަންކަން ކުރުމަކީ އެޕާޓީއަށް ތާއީދު އިތުރުވެ، އަދި ރައްޔިތުން، އެމްޑީޕީއަށް ވެސް ސަރުކާރަށް ވެސް ވޯޓު ދޭނެ ކަމެއްގެ ގޮތުގައި ވެސް ހަސަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
"އަޅުގަނޑު މިދަންނަވާ ވާހަކައަކީ ހަމަމިހެން ތިބެފަ ޓެކްސް ބޮޑުކުރަން ދެޕަސެންޓު މަޖިލީހަށް ލާފަ، ސަރުކާރުން ފޮނުވީތީ ރަބަރސްޓޭމްޕް ކުރާގޮތަށް އަޅުގަނޑުމެން ފާސްކުރާކަހަލަ ކަމެއް ނޫން ޓެކްސް ބޮޑުކުރަން ކުރާ މަސައްކަތަކީއެއް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިހާރުވެސް އަޅުގަނޑަށް އެބަފެނޭ މި ބިލު ހުށަހެޅިއިރުވެސް ރައްޔިތުންގެ މަޖިލީހުގެ 84 ވަނަ މާއްދާގެ (ހ) ގަ ބުނާ އުސޫލަކުންނެއް ނޫން މިއޮތީ މި ބިލު ހުށަހަޅާފަ." ހަސަން ވިދާޅުވި އެވެ.
މަޖިލީހުގެ 84 ވަނަ މާއްދާގެ (ހ) ތަފްސީލުކޮށްދެއްވަމުން ހަސަން ވިދާޅުވީ ކޮސްޓް އެސްޓިމޭޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އެމާއްދާގައި ބުނެފައިވާ ކަމަށާއި އޭގެ ފޯމެޓް މަޖިލީހުގެ ގަވާއިދުގައި ހަދާފައިވެސް ވާ ކަމަށެވެ. އެހެންނަމަވެސް އެއަށް ސަރުކާރުގެ އަޅާލުމެއް ނޯންނަކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ޒިންމާދާރުކަމާއެކު މަސައްކަތްކުރަން ބޭނުންވާކަމަށް ވަންޏާ އެ މައުލޫމާތު ސަރުކާރުން، މެމްބަރުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!