މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މި މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މި އޮކްޓޯބަރ މަހުގެ 28 ވާ ހުކުރު ދުވަހުގެރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ދަރުސް އޮންނާނީ ކާމިވާ ސަރަހައްދުގައި ކަމަށެވެ. އަދި މައުޟޫއަކީ "ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ" ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެދުވަހުގެ ހުކުރު ނަމާދު، އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ ވެސް މުފްތީ މެންކް އެވެ. އިނގިރޭސި ބަހުން ދެއްވާ ހުތުބާގެ މައުޟޫއަކީ “ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން” ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.
ހުޅުމާލޭގައި ބާއްވާ ދަރުހުގެ ކަންކަން އިންތިޒާމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި ދަރުސް ބާއްވަން ހަމަޖެހިފައިވަނީ މި މަހު 31 ގަ އެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.
29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަރުސް ދެއްވާނީ ފުވައްމުލަކު ސިޓީގެ ސްޓޭޑިއަމްގަ އެވެ. ފުވައްމުލަކުގައި ދެއްވާ ދަރުހުގެ މައުލޫއަކީ އިސްލާމްކަމާއި އޯގާތެރިކަމެވެ.
އައްޑޫ ސިޓިގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އައްޑޫ ސިޓީގެ ސިޓީ ސްކުއަރ ގަ އެވެ. އައްޑޫ ސިޓީގައި ދެއްވާ ދަރުހުގެ މައުލޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!