ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރައިދާނީ ޤައުމުގެ ދަރިންގެ ހިތުގައި އޮންނަ ޤައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމާއި ވަރުގަދަކަމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަރައިދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުން ކަމަށެވެ. އަދި ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި، ފިދާތަކުގެ މަތިވެރިކަމުގެ ސަބަބުން ކަމަށެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ މިކުޑަކުޑަ ޤައުމުގެ ބިމުގެ ސަރަހައްދު ކިތަންމެ ކުޑަނަމަވެސް، އާބާދީ ކިތަންމެ ކުޑަނަމަވެސް މިމަތިވެރި ސިފަތައް އަށަގެންނެވިއްޖެނަމަ މިޤައުމަކީ އެހެން ޤައުމުތަކުގެ ކުރިމަތީގައި އަގުހުރި ނަމޫނާ މިސާލީ ބަޔަކަށް ވާނެކަމަށެވެ.

މި ވަތަން މާތްވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަޤީދާގެ މަތީގައި، ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤާއުމީ ވާޖިބެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެންކަމަށެވެ. އަދި މުޅި މުޖުތަމައުގެ މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.