މި އޮކްޓޯބަރ މަހުގެ 28 ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ހުތުބާގެ މައުޟޫއަކީ “ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން” ކަމަށާއި މުސްތީ މެންކް ހުތުބާ ދެއްވާނީ އިނގިރޭސިބަހުން ކަމަށެވެ.

Ad
rt

މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.

ހުޅުމާލޭގައި ބާއްވާ ދަރުހުގެ ކަންކަން އިންތިޒާމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި ދަރުސް ބާއްވަން ހަމަޖެހިފައިވަނީ މި މަހު 31 ގަ އެވެ.

މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވަ އެވެ.

މާލޭގައި ދަރުސް ދެއްވާނީ އަލިމަސް ކާނިވަލުގައި 28 ވަނަ ދުވަހު އެވެ. 29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓިގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހު އެވެ.