2018 ވަނަ އަހަރު ކްރައުން އެންޑް ޗަންޕާ ރިސޯޓުން ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ރިޒޯޓަށް ކަރަންޓް ފޯރުކޮށްދެމުން އަންނަނީ އިޔާދަކުރަނިވި ހަކަތައިން ނެވެ.

އެރިޒޯޓުގެ އެންމެ ޚާއްސަ ކަމަކީ މުޅި ރިސޯޓަކީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭ ރިސޯޓަކަށްވުމެވެ. ރިސޯޓަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 984 ސޯލާ ޕެނަލް ހަރުކޮށްފައިވާއިރު، މި ސޯލާ ޕެނަލްތަކުން 300 ކިލޯވޯޓުގެ ކަރަންޓު އުފައްދަ އެވެ. މީގެ އިތުރުން ރިޒޯޓުގެ ހުރިހާ މަސައްކަތެއްގައިވެސް ތިމާވެއްޓާއި ރަހުމަތްތެރި ތަކެތި ބޭނުންކުރަމުން އަންނައިރު އެ ރިސޯޓުގައި ބޭނުން ކުރާ ބޯފެނަކީވެސް އަމިއްލައަށް އުފައްދާ ފެނެކެވެ.

Ad
rt

ޅ. އަތޮޅުގައި ހިންގާ މި ރިސޯޓު ޑިޒައިންކޮށްފައިވަނީ ބައިނަލް އަގުވާމީ ގިނަ އެވޯޑުތަކެއް ހޯދާފައިވާ ޖަޕާނުގެ އާކިޓެކްޗަރެއް ކަމަށްވާ ޔުޖީ ޔަމަޒަކީ އެވެ. އޭނާގެ މަސައްކަތުގެ ފުރިހަމަކަން އިޔާދަ ކުރުވަނިވި ހަކަތައިން މުޅި ރިސޯޓަށް ހިދުމަތް ދިނުމުގެ އިތުރުން ރިސޯޓުގެ މަތިން ނަގާފައިވާ ފޮޓޯތަކުން އެނގެ އެވެ.

މި ރިސޯޓު ޑިޒައިން ކުރި ގޮތާއި ގުޅޭގޮތުން ވަން ގުރީން ޕްލެނެޓްއަށް ދީފައިވާ ބަސްދީގަތުމެއްގައި އޭނާ ބުނީ މަސައްކަތް ކުރިއިރު ވިސްނީ އެތަން ޑިޒައިން ކުރާއިރު އެންމެ ބޮޑަށް ވިސްނާފައިވަނީ، ބޭނުން ކުރާ ސާމާނާއި އެކު ދެމެހެއްޓެވި ގޮތެއްގައި ރިސޯޓު ހިންގިދާނެތޯ ކަމަށެވެ.

އެންމެ ބޮޑު ޗެލެންޖަކަށް ދިމާވީ ރާއްޖޭގެ ބިން ތިރިވުން ކަމަށް ޔަމަކަޒީ ބުނެފައިވެ އެވެ. އެކަމަކު ބޭނުންވީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރަށުގެ ރީތިކަން ފުރިހަމަ ގޮތުގައި ދައްކައިގެން ރިސޯޓު ހިންގޭނެ ގޮތަކަށް ޑިޒައިންކޮށް ތަރައްގީ ކުރެވޭނެ ގޮތެއް ހަދާށެވެ.

އެކަން ކުރާނެ ގޮތެއް ވިސްނިއިރު އެންމެ ބޮޑަށް ބޭނުންވީ ރާއްޖޭގެ އެހެން ރިޒޯޓުތަކާއި ހިލާފަށް އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އެ މަންޒަރު ފެންނާނެ ގޮތަކަށް ބަހައްޓާށެވެ. އެހެންވެ އެމީހުން މޫދުގައި އެޅި ރެސްޓޯރެންޓެއްގައި ޕެނަލް ހަރުކުރަން ނިންމި އެވެ.

އޭނާ ބުނީ އެ ބޮޑު ރެސްޓޯރެންޓުގެ ފުރާޅުގައި އެއްކޮށް ސޯލާ ޕެނަލް ހަރުކޮށްލުމުން މުޅި ރިޒޯޓަށް މެދުނުކެނޑި ކަރަންޓު ލިބޭ ވަރަށް އިޔާދަ ކުރުވަނިވި ހަކަތަ އުފައްދާ ކަމަށެވެ.

3 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކޮށްފައިވާ ރިޒޯޓު އޮންނަނީ ހުރަވަޅި އައިލެންޑް ރިޒޯޓު ކައިރީގައެވެ.

15 ވޯޓަރ ވިލާ ހިމެނޭ މިރިޒޯޓުގެ ވިލާތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި އިތުރު ބައެއްގެ އުނދަގޫ ނުފޯރާގޮތަށް އަރާމު މާހައުލެއްގައި ތަރައްޤީކޮށްފައިވާ ވިލާތަކެކެވެ. ކޮންމެ ވިލާއެއްގައި 3000 އަކަ ފޫޓު ހުންނައިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހަދާފައިވެއެވެ. މި ވިލާތައް ފަރުމާކޮށްފައިވަނީ ފިނި ވަޔާއި އިރުގެ އަލި ވީ އެންމެ ބޮޑަކަށް ވިލާތަކަށް ލިބޭފަދަ ގޮތަކަށެވެ.

އެރިޒޯޓް ތަރައްޤީކޮށްފައިވާ ސަރަޙައްދަކީ ގިނަ އަދަކަށް އެން މަޑި ނުވަތަ މަންޓާ ރޭ އާއި އެކި ބާވަތުގެ ވެލާ ކަހަނބު އުޅޭ ސަރަޙައްދަކަށްވުމުން، އެއެއްޗެހި ބަލާލުމަށް ޑައިވްކުރުމުގެ ފުރުޞަތުވެސް ރިސޯޓުގައި ހަމަޖައްސާފައިވެއެވެ. އަދި މަންޓާ ރޭއާއި ވެލާ ކަހަނބާ ގުޅޭ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް މެރިން ބަޔޮލޮޖިސްޓެއްވެސް މިރިސޯޓުގައި ހަރަކާތްތެރިވާނެއެވެ.

ކުޑަދޫއަކީ ރާއްޖޭގައި ފުރިހަމައަށް އަވިން ކަރަންޓް އުފައްދާ ހަމައެކަނި ރަށެވެ.