އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ކޯޓުން މިގޮތަށް އަމުރުކުރީ އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގަ އެވެ.

Ad
rt

ސެޕްޓެމްބަރު 7 ވަނަ ދުވަހާއި ސެޕްޓެމްބަރު 26 ވަނަ ދުވަހު ޓްރާންސްޕޯޓުން ބާތިލް ކުރި އުޅަނދުތަކެއްގެ ވެރި ފަރާތުން ހުށަހެޅި އެ މައްސަލައިގައި، އެ މައްސަލަ ބަލައި ނިމެންދެން ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ނުކުރުމަށް ސިވިލް ކޯޓުން މިއަދު ވަނީ އަމުރު ކޮށްފަ އެވެ.

އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރީ ގަވާއިދާ ހިލާފުވި ކަމަށް ބުނާ ގޮތް އެންގުމެއް ނެތި ކަމަށާއި ދުރާލައި ރަޖިސްޓްރީ ބާތިލް ކުރާކަން ވެސް އެންގުމެއް ނެތި ކަމަށް ދައުވާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ދައުލަތުން ވިދާޅުވީ އެ އުޅަނދުތައް ބާތިލް ކުރީ އެއީ އުމުރު ހަމަނުވި ނަމަވެސް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށްވުމުން ކަމަށާއި އެ އުޅަނދުތަކުގެ ރަޖިސްޓްރީ މާލޭ ޒޯނަށް ބަދަލު ކުރީ ވެސް ގަވާއިދާ ހިލާފަށް ކަމަށެވެ.

އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަނީ ސ. ހިތަދޫ، ކެލާމާގެ، މުހައްމަދު ހާފިޒާއި އެ ރަށު މާހިޔާ، އަޒްހާ މުހައްމަދާއި ސ. ހުޅުދޫ، ނަސީމީވިލާ، މުހައްމަދު ސާއިމް އަބްދުﷲ އާއި ގއ. ވިލިނގިލީ، ސުވާސާގޭ، މުހައްމަދު ޝަހުމާއި ޅ މަރޮށި، ދިލްބަހާރުގޭ، ހަސަން ވަހީދާއި ނ. މަނަދޫ ގްރީންގޭ، މޫސާ ޝިފާޒާއި . ފޮނަދޫ، ސްކައިލައިން، މުހައްމަދު އަފްޒަލާއި މ. ލިލަކު، އަލީ ނާޖިހާއި ހުޅުމާލޭ، 1047، އަބްދުއްރަޝީދެވެ.

މި ސެޕްޓެމްބަރު މަހުން ފެށިގެން ވަރަށް ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބާތިލް ކުރަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ކަމަށެވެ.