ވ. އަންބަރާގެ އެއްބަސްވުން ބާތިލުކޮށް، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަތޮޅު ކައުންސިލުގެ ދަށަށް ކަނޑައަޅައިދިނުމަށް އެދިއްޖެ އެވެ.

ވ. އަތޮޅު ކައުންސިލު އިދާރާ އިން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ރިސޯޓެއް ތަރައްގީކުރުމަށް "ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށް" ކުއްޔަށްދޫކޮށްފައިވާ ވ. އަންބަރާ ތަރައްގީކުރުމަށް ސަރުކާރުން ދެއްވާފައިވާ މުއްދަތު ހަމަވެފައިވާ ކަމަށެވެ.

Ad
rt

އެއްބަސްވެފައިވާ މަސައްކަތްތައް ކުރުމަށް އެފަރާތަށް އިތުރު އެތައް ފުރުސަތުތަކެއް ސަރުކާރުން ދެވިފައިވީހިނދުވެސް، އެރަށުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ އެދެވޭ އެއްވެސް މަސަައްކަތެއް ކޮށްފައިނުވާ ކަމަށާއި މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ ތިމާވެށީގެ މިންގަނޑުތަކާއި ކަނޑައެޅިގެން ހިލާފަށް ރަށުގެ ގުދުރަތީ ސިފަތައް ގެއްލުވާލާފައިވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ.

މީގެ އިތުރުން ތިމާވެށީގެ ގޮތުން ވެސް ބޮޑެތިގެއްލުންތަކެއް ރަށަށް ލިބޭގޮތަށް އަމަލުކޮށް، އެގްރީމެންޓާއި ހިލާފަށް އެފަރާތުން އަމަލުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި

އެހެންކަމުން އެރަށް (ވ. އަންބަރާ) ކުރިން އެގްރީމެންޓް ކުރެވިފައިވާ ފަރާތުން ނަގައި، ދައުލަތުގެ ބެލުމުގެ ދަށަށް ނެގެންޖެހޭނެ ކަމަށް އެ ކައުންސިލަށް ގަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"ވ. އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ސަރުކާރުތަކުން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދޫކުރުމުގައި ތަފާތު އިހުމާލުތައް ވެފައިވާ ކަމާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުން އަތޮޅުގެ ރައްޔިތުން މަހްރޫމުކުރެވިެފައިވާކަން، އަދި އަންބަރާ ތަރައްގީކުރުމަށް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ މުއްދަތަށް މަސައްކަތް ފުރިހަމަކޮށްފައި ނުވާތީއާ، މިހައިތަނަށް އެރަށްރަށުގައި ކޮށްފައިވާ މަސައްކަތްތައް ވެސް ކޮށްފައިވަނީ އެގްރީމެންޓާ ހިލާފަށް އަދި ރަށްރަށުގެ ވެއްޓަށް އެއްވެސް ބެލުމެއް ނެތި ވަރަށްބޮޑަށް އިހުމާލުވެފައިވާތީ އެކަމުގެ ޝަކުވާ ހުރިހައި ރަށެއްގެ ރައްޔިތުންގެ ފަރާތުން އަންނަނީ ފާޅުކުރަމުން ނެވެ." ފެލިދެއަތޮޅު ކައުންސިލުން ވިދާޅުވި އެވެ.

އެ ކައުންސިލުން ވިދާޅުވީ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލުތަކެއް ހޯދުމުގެ ގޮތުން ވ. އަންބަރާގެ އެެއްބަސްވުން ބާތިލުކޮށް އެރަށަކީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަތޮޅު ކައުންސިލުގެ ދަށުގައިވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ވުޒާރާތަކުގައި ދެންނެވުމަށް އެ އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރެވުނު ގަރާރުން ކަނޑައަޅާފައިވާ ކަމަށެވެ.