ފެލިދެއަތޮޅު (ވ. އަތޮޅު) އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ވ. އަތޮޅު ކައުންސިލްގެ ހަ މެންބަރެއްގެ ވޯޓުން ފާސްކޮށްފައިވާ މި ގަރާރުގައި ބުނެފައި ވަނީ އެ އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ހުޅިދޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"އަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެއްކަމަށެވެ. އަދި އަންބަރާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން "ހަނދުވަރު އޯޝަން ޕްރަވެޓް ލިމިޓެޑް" އަށް ރިސޯޓު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށެއްކަމަށެވެ.

Ad
rt

އެ ދެރަށް ތަރައްޤީކުރުމަށް ދެވިފައިވާ މުއްދަތުތައް ހަމަވެ، އެއްބަސްވުންތަކުގެ ދަށުން ކުރަން އެއްބަސްވެފައިވާ މަސައްކަތްތައް ކުރުމަށް އެ ދެފަރާތަށް އިތުރު އެތައް ފުރުސަތުތަކެއް
ސަރުކާރުގެ ވުޒާރާތަކުން ދީފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ، އެ ދެ ރަށުަގއި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ އެދެވޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، އެ ދެ ރަށުގެ އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމުގައި އަމަލުކުރަންޖެހޭ ތިމާވެށީގެ މިންގަނޑުތަކާއި ކަނޑައެޅިގެން ޚިލާފަށް ރަށުގެ ގުދުރަތީ ތަބީޢީ ސިފަތައް ގެއްލުވާލައި، ތިމާވެށީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ރަށްރަށަށް ލިބޭގޮތަށް އަމަލުކޮށްފައިވާކަމަށެވެ.

އެރަށްތައް ދޫކުރި އެއްބަސްވުމުގެ ދަށުން ވ. ހުޅުދޫ އަދި ވ. އަނބަރާގެ އެއްބަސްވުމުގައި ބަޔާންކޮއްފައިވާ މުއްދަތަށް އެގްރިމެންޓްކުރެވިފައިވާ މަސައްކަތް ފުރިހަމަކޮއްފައި ނުވާތިއާއި
އެއްބަސްވުމާއި ޚިލާފްވެ އަދި އެއްބަސްވުމުގެ ދަށުން ރަށް ތަރައްގީކޮށް ޚިދުމަތަށް ނެރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން އެ ކައުންސިލަށް މަޢުލޫމާތު ދީފައިވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

އެ އެއްބަސްވުން ތަކަކީ މިހާރު އަމަލު ނުކުރެވޭ އެއްބަސްވުން ތަކަކަށްވުމުން، އެ ދެރަށް ކުރިން އެގްރިމެންޓް ކުރެވިފައިވާ ފަރާތްތަކުގެ ކިބައިން މިހާރު ވަކިވެފައިވާންޖެހޭނެކަމަށް އެ ކައުންސިލުން ގަބޫލު ކުރާކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

"ދިވެހިރާއްތޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލޫން ހިންގުމުގެ ޤާނޫނުގައި މިކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން ސިޓީކައުންސިލާއި ރަށުކައުންސިލްގެ އިޙްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް ބެލެހެއްޓުން މިކައުންސިލާއި މަތިކޮށްފައި ވުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަރީ އުސޫލުން ހިންގުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ދެރަށަކީ ވ. އަތޮޅު ރައްޔިތުންގެ ބޭނުމަށް ފެލިދެތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމުގައި މިކައުންސިލްގެ 4 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ކަނޑައަޅައިފީމެވެ." އެ ގަރާރު ނިންމާލަމުން ބުނެފައި ވެއެވެ.