ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި މަސްވެރިންނަށް ވީ ވައުދު ފުއްދެވުނުތޯއާއި، އަލުން ވެރިކަން ދޭންވީތޯ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން މިހާރު ބޮޑު ތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ހއ. ކެލާ އަށް ވަޑައިގެންފައެވެ. އަދި ރޭ ވަނީ އެ ރަށުގައި ޖަލްސާ އެއް ބާއްވާފައެވެ. ''ކެލާ ވެސް ޕީޕީއެމް'' ނަމުގައި ބޭއްވި މި ޖަލްސާގައި ޔާމީން ވަނީ ސަރުކާރުން މަސްވެރިންނަށް އިޙްމާލް ވަނީ ނޭނގިގެން ނޫންކަމަށް ވިދާޅުވެފަ އެވެ.

Ad
rt

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނިކޮށް އިބްރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަން އަލުން ލިބިއްޖެނަމަ މަސްވެރިންނަށް މޮޅުގޮތް ހޯދައިދޭނަމޭ ވިދާޅުވާއިރު، ވެރިކަން ކުރަން ރައްޔިތުން ފުރުސަތު ދިނުމުން މަސްވެރިންނަން ވައުދުވި ''ބެޔަސް ނުބެޔަސް'' ދެވުނުތޯ ސުވާލު ކުރައްވާފަ އެވެ.

''ވެރިކަން އަލުން ލިބިއްޖެނަމަ މަސްވެރިންނަށް މޮޅުގޮތް ހޯދައިދޭނަމޭ ވިދާޅުވާއިރު، ވެރިކަން ކުރަން ރައްޔިތުން ފުރުސަތު ދިނުމުން މަސްވެރިންނަން ވައުދުވި ‘ބެޔަސް ނުބެޔަސް' ދެވުނުތޯ ،؟ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހޯދުނުތޯ؟ އަދިވެސް ވެރިކަން ދޭންވީތޯ؟'' އިބްރޭ ސުވާލު ކުރައްވާފަ ވެއެވެ.

''ބެޔަސް ނުބެޔަސް 10 ހާސް'' ވައުދަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް މަސްވެރިންނަށް ވިއްކި އެންމެ ބޮޑު ވަޢުދެވެ. ނަމަވެސް ދައުރު ނިމުނު އިރުވެސް އެ ވައުދުގެ އެކަށޭނަ ގޮތެއްގައި ފުއްދިފައެއް ނުވެއެވެ.