ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ، ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށް ފާހަގަ ކުރަށްވާފައެވެ.
މިހާރު ޤާނޫނުތަކަށް ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިޚްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށްކަން ފާހަގަ ކުރައްވަމުން، އެހެންކަމުން ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ވަނީ، ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރައްވާ އެކިއެކި މަސައްކަތްތަކާ، ވަކިވަކި ފަރުދުންނަށް ދެ މިލިއަންރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފެށިފައިވާކަމުގައި ވެސް ރޭ ވިދާޅުވެފަ އެވެ.
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، އެހެން ސިނާޢަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްވެސް ކުރަން އޮތް މަސައްކަތަކީ، އެކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، އެ ދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.
ރޭގެ ޖަލްސާގައި ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 9 ފަރާތަކަށް ހަނދާނީފިލާ ދެއްވައިފައެވެ. އެފަރާތްތަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!