ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯހިޔާގެ ފްލެޓްގައި މިހާރު ތައްޔާރުކުރެވިފައިވާ "މޮކަޕް ރޫމް" ބައްލަވާލެއްވުމަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިކަމާ ގުޅިގެން ސިފްކޯއިން މިއަދު ނެރެފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ ސިފްކޯހިޔާ ލިބިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، މޮކަޕް ރޫމް ބައްލަވާލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ސިފްކޯއިން ނެރެފައިވާ އިޢުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުމަށެވެ.

Ad
rt

މޮކަޕް ރޫމް ބައްލަވާލެއްވުމަށް ވަޑައިގަންނަވާއިރު ޢާއިލާގެ އެއް މެންބަރަކު ގެންނެވޭނެކަމަށް ވެސް މި އިޢުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ސިފްކޯހިޔާގެ ފްލެޓްގައި މިހާރު ތައްޔާރުކުރެވިފައިވާ "މޮކަޕް ރޫމް" ބައްލަވާލައްވަން ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލިނަމަވެސް، "މޮކަޕް ރޫމް" ދައްކާލުމަށް ހަމަޖެހިފައިވާ ތާރީޚު އަދި އިޢުލާނެއް ނުކުރެ އެވެ.

ސިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، "މޮކަޕް ރޫމް" ދައްކާލުމަށް ހަމަޖެހިފައިވާ ތާރީޚު ފަހުން އިޢުލާނު ކުރެވޭނެ އެވެ.