2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް މިއަންނަ އަހަރު ތިންގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ.
2020 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވަނީ 33032113 ރުފިޔާ (ތިރީސް ތިން މިލިއަން ތިރީސް ދެހާސް އެއްސަތޭކަ ތޭރަ ރުފިޔާ) އެވެ. މިއީ މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު ބަޖެޓަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެކެވެ.
މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ 10275591 ރުފިޔާ (ދިހަ މިލިއަން ދެލައްކަ ހަތްދިހަ ފަސްހާސް ފަސްސަތޭކަ ނުވަދިހަ އެއްރުފިޔާ) އެވެ. މިއަހަރުގެ ބަޖެޓަށް ވުރެ މިއަންނަ އަހަރުގެ ބަޖެޓުގައި 22756522 ރުފިޔާ (ބާވީސް މިލިއަން ހަތްލައްކަ ފަންސާސް ހަހާސް ފަސްސަތޭކަ ބާވީސް ރުފިޔާ) އިތުރެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގެ ބަޖެޓުވަނީ ވަރަށް ބޮޑަށް ކުޑަކޮށްލާފައެވެ. ގިނަ ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ކައުންސިލްތަކުގެ ބަޖެޓު ކުޑަކޮށްލާފައި ވެއެވެ. ކައުންސިލް ތަކުގެ ސެކިއުރިޓީ ވެސް ނުބެލެހެއްޓޭ ވަރަށް ކައުންސިިލްތަކުގެ ބަޖެޓު އޭރު ކުޑަކޮށްލިއެވެ.
އެހެންނަމަވެސް އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިންގައި އަދި ރައީސް ޞޯލިހުގެ ޖަޒީރާ ރާއްޖެ ކެމްޕެއިންގައި ވަރަށް ބޮޑަށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާނެ ވާހަކަފުޅު ވަނީ ދައްކަވާފައެވެ. އެގޮތުން މިއަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓު ގައި ހުރިހާ ކައުންސިލް ތަކުގެ ބަޖެޓުވެސް ވަނީ ބޮޑުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!