މާލެއަތޮޅު ކާށިދޫއަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިފި އެވެ.
މިދަތުރުފުޅަކީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ އެވެ. މި ޖަލްސާ އޮންނާނީ ކ. އަތޮޅު މަދަރުސާގައި މިރެއެވެ.
މި ޖަލްސާއަށް ފަހު އޮންނަ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެ އެވެ.
މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވަރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ބައްލަވައި ލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!