ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތިލަދުންމައްޗަށް ވަޑައިގަންނަވައިފި އެވެ.
ޕީޕީއެމް އިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އެންމެފުރަތަމަ މިއަދުވަޑައިގަންނަވާނީ އިހަވަންދޫއަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މިރޭ އިހަވަންދުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ކުރިއަށްދާނެކަމަށް އެޕާޓީން ބުނެފައިވެއެވެ.
ރައީސް ޔާމީނު މިދަތުރުފުޅު ކުރެއްވުމަށް ފުރަތަމަ ނިންމަވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ނަމަވެސް އެދުވަހު ކެންސަލް ކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ނެވެ.
ރައީސް ޔާމީން ހަނިމާދޫއަށް ވަޑައިގަތުމުން ހަނިމާދޫ އެއާޕޯޓުން އެމަނިކުފާނަށްވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ހަނިމާދޫގައި ހަރަކާތްތެރިވާ އެޕާޓީގެ އިސްފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ.
ރައީސް ޔާމީން ހއ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. އަދި ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުތަކުގައި ހިޔާލު ހޯއްދެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މެމްބަރުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ދ. ކުޑަހުވަދު އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!