މިދިޔަ ސެޕްޓެމްބަރު މަހު، މަސްވެރިކަން ރަނގަޅުވި ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ޖުމްލަ އެކްސްޕޯޓު ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ޖުމްލަ އަގު 166 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓުކުރި 172 މިލިއަން ރުފިޔާއަށް ވުރެ ހަތަރު އިންސައްތަ ދަށް އަދަދެކެވެ.
ނަމަވެސް، ފާއިތުވި ތިން މަހާއަޅާ ބަލާއިރު، މިދިޔަ މަހުގެ އެކްސްޕޯޓު ވަނީ އިތުރުވެފައެވެ. މަސްވެރިކަން ހީނަރުވެ ޖުލައި މަހުން ފެށިގެން އެކްސްޕޯޓު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެގޮތުން، ޖޫން މަހު 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު ޖުލައި މަހު އެކްސްޕޯޓް ކޮށްފައިވަނީ ޖުމްލަ 78 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 68 ޕަސެންޓުގެ ވެއްޓުމެކެވެ. މިއަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު، އޯގަސްޓު މަހުގެ އެކްސްޕޯޓް ވަނީ 47 އިންސައްތަ މަތިވެފައެވެ.
ޖުލައި މަހުން ފެށިގެން ރާއްޖެއިން އެންމެ ގިނަ މުދާ ބޭރުކުރާ ފަސް ގައުމުގެ ލިސްޓުގައި ނުހިމެނުނު ތައިލެންޑު ވަނީ މިދިޔަ މަހު އަނެއްކާ ވެސް ލިސްޓުުގެ އެއްވަނައަށް އަރާފައެވެ. ސެޕްޓެމްބަރު މަހު އެގައުމަށް ޖުމްލަ 84 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއެވެ. މިއީ މިދިޔަ މަހު އެކްސްޕޯޓު ކުރި ޖުމްލަ މުދަލުގެ އަގުގެ 51 އިންސައްތައެވެ. ޖުމްލަ އެކްސްޕޯޓުގެ އެންމެ ބޮޑުބައެއް ދެން ހިއްސާކުރަނީ ޖަރުމަނާއި، އިނގެރޭސިވިލާތެވެ. ޖަރުމަނަށް 18 މިލިއަން ރުފިޔާ [11 ޕަސެންޓު]ގެ މުދާ ބޭރުކުރިއިރު، އިނގެރޭސިވިލާތަށް 11 މިލިއަން ރުފިޔާ [7 ޕަސެންޓު]ގެ މުދާ ބޭރުކުރިއެވެ.
އެކްސްޕޯޓު ދަށަށް ދިޔަ ނަމަވެސް، މިދިޔަ މަހު އިމްޕޯޓާއި، އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެތެރުކުރި 3.4 ބިލިއަން ރުފިޔާގެ މުދަލާ އަޅާ ބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އޮމާނުން އެތެރެކުރި މުދަލެވެ. ތެލާއި، ގޭހުގެ ބާވަތްތައް މައިގަނޑު ގޮތެއްގައި އެތެރެކުރާ އޮމާނުން ޖުމްލަ 794 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއީ ޖުމްލަ އަގުގެ 18 އިންސައްތައެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރި އިންޑިއާއިން 627 މިލިއަން ރުފިޔާ [14 ޕަސެންޓު]ގެ މުދާ އެތެރެ ކުރިއިރު ތިންވަނައިގައި އޮތް ޗައިނާއިން އެތެރެ ކުރީ 525 މިލިއަން ރުފިޔާ [12 ޕަސެންޓު]ގެ މުދަލެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 281 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 25 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ މަހު ޕްރޮސެސް ކުރި 18،000 އަށްވުރެ ގިނަ ޑިކްލެރޭޝަނުން ކަސްޓަމްސް އަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!