ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގެ ފައިނަލުގައި ހޯރަފުށީ ބާވީސް ސޕޯޓްސް ކުލަބާއި ޓީމް މާރަންދޫ މިއަދު ހަވީރު ވާދަކުރާއިރު، ފައިނަލު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ދެ ޓީމްގެ ކޯޗުން ބުނެފިއެވެ.
ފައިނަލު މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބުގެ ކޯޗް މައުމޫން އަބްދުއްސައްތާރު (މާނު) ބުނެފައިވަނީ މިއަދު ކުޅެވޭ ފައިނަލް މެޗަށް އެ ޓީމް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ޓީމްގައި ސީރިއަސް އެއްވެސް އިންޖަރީއެއް ވެސް ނެތް ކަމަށެވެ.
މާނު އިތުރަށް ބުނެފައި ވަނީ ޓީމް އޮތީ މިއަދުގެ ފައިނަލް މެޗުން މޮޅުވެ ތަށި ހޯދަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ. އެ ޓީމުން ކުޅިވަރުގައި އިދިކޮޅު ޓީމަށް ދޭންޖެހޭ ފުރިހަމަ އިޚްތިރާމް ދޭނެކަމުގައި މާނު ވަނީ ބުނެފައެވެ.

ފައިނަލު މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ޓީމް މާރަންދޫގެ ކޯޗް ރަމީޒް ބުނެފައި ވަނީ އެ ޓީމް އޮތީ މިއަދު ކުޅެވޭ ފައިނަލް މެޗު ކާމިޔާބު ކުރުމުގެ ފުރިހަމަ އިތުބާރާއި އެކުގައި ކަމަށެވެ. ޓީމްގައި ކޮންމެވެސް ވަރެއްގެ އިންޖަރީތަކެއް އުޅުނު ނަމަވެސް ފައިނަލު މެޗު ކާމިޔާބުކޮށް ތަށި އުފުލާލަން ބުރަކޮށް އެ ޓީމުން މަސައްކަތް ކުރާނެ ކަމުގައި ރަމީޒް ވަނީ ފާހަގަ ކޮށްފައެވެ.
ރަމީޒް އިތުރަށް ބުނެފައި ވަނީ މުބާރާތުގެ އިންތިޒާމްތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ދެން އަންނަ އަހަރު ވެސް މި މުބާރާތް އޮންނާނެ ކަމަށް އުންމީދުކުރާ ކަމަށާއި، މުބާރާތް އޮންނަނަމަ މާރަންދޫ ޓީމުން ބައިވެރިވާނެ ކަމަށެވެ.
ޓީމް މާރަންދޫއާއި ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބު ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:15 ގައެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޓޮރޮފީއާއި މެޑަލް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އޮންލައިން ނިއުސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!