ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމު ސަބްމިޓުވިކަން ޔަގީން ކުރުމަށް ހައުސިންގ މިިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ސަރުކާރުން ހުޅުވާލާފައިވާ މި ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަދި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހަމަވާނެ އެވެ.
އެހެންވެ، ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު، ސަމާލުކަން ދޭންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަކުރެވޭ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީނަ ބުނީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓް ވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ މީހުން، އެ މީހެއްގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލަށް ވަދެ، އެ ފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާއިމެދު އެ މީހެއްގެ ރުހުން ދިނުމުން ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ބައެއް ފަރާތްތަކުން ފޯމު ފުރަން ފެށުމަށް ފަހު ނުނިންމާ ހުރުމުގެ މައްސަލަތައް ވެސް ފާހަގަކޮށްފައިވާ ކަމަށާއި އެ ފަރާތްތަކަށް އެ މިނިސްޓްރީން، އެސްއެމްއެސް މެދުވެރިކޮށް ފޯމު ފުރިހަމަކޮށް ސަބްމިޓް ކުރުމަށް އަންގަމުންދާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓު ދޫކުރާނެ އެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ބިން ލިބޭ ފަރާތްތަކަށް އަންނަ އަހަރު ކުރީކޮޅު އަދި ފްލެޓު ލިބޭ ފަރާތްތަކަށް އަންނަ އަހަރުގެ މެދުތެރޭގައި ލިޔުން ހަވާލު ކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!