ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ނަޕޯލީއާއި ކުލަބް ބްރޫޖް ޖާގަ ހޯދިއިރު، ރޭ ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި ލިވަޕޫލުން ހަތް ލަނޑުޖަހައި މެޗު ކާމިޔާބުކުރި އިރު އެ ޓީމުގެ ފޯވާޑް މުޙައްމަދު ޞަލާހް ދެ ރެކޯޑެއް ހަދައިފިއެވެ.

ރޭ ރޭންޖާސްގެ ދަނޑުގައ ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

ރޭ ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ރޭންޖާސްއިންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސްކޮޓް އާފީލްޑެވެ. ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ސިމިކާސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފިރްމީނޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ހަ ލަނޑު ޖަހާފައެވެ. މެޗުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ 55 ވަނަ މިނެޓުގައި ގޮމޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފިރްމީނޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނުނޭޒްއެވެ.

އެއަށްފަހު މެޗުގެ 68 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ތިން ބަދަލެއް އެއްފަހަރާ ގެނެސްފައެވެ. މިގޮތުން ނުނޭޒްގެ ބަދަލުގައި ސަލާހް، ހެންޑަސަންގެ ބަދަލުގައި ތިއާގޯ އަދި ސިމިކާސްގެ ބަދަލުގައި ރޮބާޓްސަން ވަނީ ކުޅެން އަރުވާފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ސަލާހް ވަނީ ހަ މިނިޓް ތެރޭގައި ހެޓްރިކެއް ހަދާފައެވެ. މިއީ ޗެމްޕިއަންސް ލީގު ތާރީހުގައި އެންމެ މަދު މިނިޓް ތެރޭގައި ފެނިގެންދިޔަ ހެޓްރިކެއެވެ. އަނެއްކޮޅުން، ސަލާހު ވަނީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ރޭ މުގުރާލާފައެވެ. ސަލާހް މިހާތަނަށް ޗެމްޕިއަންސް ލީގުގައި 38 ލަނޑު ލިވަޕޫލަށް ޖަހައިދީފައިވާއިރު، ކުރިން އިނގިރޭސި އެއްކުލަބަކަށް އެންމެ ގިނަ ޗެމްޕިއަންސް ލީގު ލަނޑު ޖަހައިގެން އެ ރެކޯޑް އޮތީ މެންޗެސްޓާ ސިޓީއަށް ކުޅުނު އާޖެންޓީނާގެ ފޯވާޑް އަގުއެރޯއާއި ޗެލްސީއަށް ކުޅުނު ޑިޑިއޭ ޑްރޮގްބާގެ އަތުގައެވެ. އެ ދެ ކުޅުންތެރިން ވަނީ 36 ލަނޑު ޖަހާފައެވެ.

މި ގްރޫޕުގައި ރޭ ނަޕޯލީން ވަނީ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއިން އަޔެކްސް ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ތަފާތު މޮޅު ކުޅުމެއް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ނަޕޯލީން ދައްކަމުން އަންނައިރު މި މެޗުގައި ވެސް ނަޕޯލީން ވަނީ އެ ކުޅުން ތަކުރާރު ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީ ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ޒިއެލެންސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮޒާނޯއެވެ. ދެވަނަ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރަސްޕަޑޯރީއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އަޔެކްސްގެ ކްލާސެން ލަނޑެއްޖަހައި ފަރަގު ކުޑަކުރި ނަމަވެސް 61 ވަނަ މިނެޓުގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީއަކުން ކްރަވަޝްކާލިއާ ވަނީ ލަނޑުޖަހައި އަނެއްކާ ވެސް ފަރަގު ބޮޑު ކޮށްފައެވެ. އަޔެކްސްގެ ދެވަނަ ލަނޑު 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބާގްވިން ކާމިޔާބު ކޮށްދިންއިރު، ނަޕޯލީގެ ހަތަރުވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިކްޓަ އޮސިމެންއެވެ.

މި ނަތީޖާތަކާއިއެކު ގްރޫޕް އޭގެ އެއްވަނާގައި ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއި އެކު އޮތީ ނަޕޯލީއެވެ. އެ ޓީމަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައި ވާއިރު ދެވަނާގައި އޮތް ލިވަޕޫލަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ލިވަޕޫލަށް ކުޅުނު 4 މެޗުން ލިބިފައި ވަނީ 9 ޕޮއިންޓެވެ. އަޔެކްސް ތިންވަނާގައި އޮތީ ހަތަރު މެޗުން ލިބުނު 3 ޕޮއިންޓާއި އެކުގައެވެ. ފުލުގައި އޮތް ރޭންޖާސްއަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

ރޭ ގްރޫޕް ބީގައި އެތުލެޓިކޯ މެޑްރިޑާއި ކުލަބް ބުރޫޖް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ލިބުނު އެއް ޕޮއިންޓާއިއެކު ކުލަބް ބުރޫޖަށް ވަނީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ.

މި ގްރޫޕްގެ އެއްވަނާގައި ކުލަބް ބުރޫޖް އޮތީ ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ޕޯޓޯ އޮތީ ކުޅުނު 4 މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ. ހަތަރު މެޗުން ލިބުނު 4 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް ތިންވަނާގައި އޮތްއިރު، ހަތަރު މެޗުން ލިބުނު 3 ޕޮއިންޓާއިއެކު ތާވަލުގެ ފުލުގައި އޮތީ ލެވަކޫސެންއެވެ.