ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ބާސެލޯނާއާއި އިންޓަ މިލާން ރޭ ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ބާސާއަށް ގެއްލިއްޖެއެވެ.
ރޭ ކޭމްޕް ނޯގައި އިންޓަ މިލާނާއި ބާސާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މުބާރާތުގައި ކުރިއަށް ދިޔުމަށް މޮޅުވުން މަޖުބޫރު މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ކައުންޓަ އެޓޭކްގައި އިންޓައިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ލަނޑު ވެސް ޖަހާފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ބާސާއިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ފަސްމިނެޓަށް ވެފައި ވަނިކޮށް ބާސާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރަފީނިއާ ކުޅުނު މޮޅު ޕާހަކުން ސާޖިއޯ ރޮބާޓޯ އިންޓަގެ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައި ވަނީ ޑެމްބެލޭއެވެ.
މެޗުގެ ދެވަނ ހާފުގެ ފުރަތަމަ ފަސް މިނެޓް ތެރޭ އިންޓައިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ބަސްޓޯނީ ބާސާގެ އޭރިއާ ތެރެއަށް މަތިން ކުޅުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ނިކޮލޯ ބަރެއްލާއެވެ.
މެޗުގައި އިންޓައިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ 63 ވަނަ މިނެޓުގައި މާޓިނޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ މިޑްފީލްޑަރ ޗަޅަނގޮލޫ ބާސާގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ މެއަށް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މާޓިނޭޒް ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ގޯލުގެ ދެ ދަނޑީގައި ޖެހިފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. މި ނަތީޖާއާއިއެކު މެޗު އެއްވަރުވެގެން ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް ކައުންޓަ އެޓޭކެއްގައި އިންޓައިން ތަނަވަސް ކުރި ފުރުޞަތެއްގައި ރޮބިން ގޫސެންސް ވަނީ ލަނޑުޖަހައި އިންޓައަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދީފައި ވަނީ ވެސް މާޓިނޭޒްއެވެ.
މެޗުގެ އިތުރު ވަގުތު ހަ މިނެޓް ދެއްކިއިރު ބާސާއިން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ އެރިކް ގާސިއާ އިންޓަގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަމިނެޓް ހަމަވުމާއިއެކު މެޗު ނިންމާނުލުމުން އިންޓަގެ ކޯޗް އިންޒާގީ ހިތްހަމަ ނުޖެހުން ފާޅުކޮށް އަމަލުތައް ބެހެއްޓި ގޮތުން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާފައެވެ.
މި ގްރޫޕުގައި ރޭ ބަޔާން މިއުނިކާއި ވިކްޓޯރިއާ ޕްލެޒެން ކުޅުނު މެޗު ބަޔާނުން ވަނީ 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް އަނެއް ބުރުން ފުރުޞަތު ހޯދާފައެވެ.
ބަޔާނުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ މާނޭ، ޓޯމަސް މުލާގެ އިތުރުން ލެއޮން ގޮޓްޒަކާއެވެ. ވިކްޓޯރިއާ ޕްލެޒެން އިން ކާމިޔާބު ކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ދެވަނަ ހާފުގައެވެ. އެ ޓީމަށް ލަނޑުތައް ޖަހައި ދީފައި ވަނީ އެޑަމް ވޮލްކަނޯވާއާއި ޔެން ކްލެމެންޓްއެވެ.
ބަޔާނުން މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ލިބުނު 12 ޕޮއިންޓާއިއެކު ދެވަނަ ބުރުން ފުރުޞަތު ޔަގީން ކޮށްފައިވާއިރު، މި ގްރޫޕްގެ ދެވަނާގައި މިވަގުތު އޮތީ އިންޓަ މިލާނެއެވެ. އެ ޓީމަށް ލިބިފައި ވަނީ ކުޅުނު 4 މެޗުން 7 ޕޮއިންޓެވެ. ތިންވަނާގައި ބާސާ އޮތީ ހަތަރު މެޗުން ލިބުނު 4 ޕޮއިންޓާއި އެކުގައެވެ. ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ވިކްޓޯރިއާ ޕްލެޒެންއެވެ.
ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ލިބެން ދެން އޮތީ އިންޓަ ނޫނީ ބާސާއަށެވެ. އިންޓަ އިން ދެން ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް އަނެއް ބުރު ޔަގީންވާނެއެވެ. ބާސެލޯނާ އަށް އޮތީ އިންޓަ އަށް ދެން އެއް މެޗުން ވެސް މޮޅެއް ނުލިބި، ބާސެލޯނާ ކުޅޭ ދެ މެޗުން މޮޅުވުމެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ނުލިބުމުގެ ބިރު ބާސާއަށް ކުރިމަތިވެފައިވާއިރު، މިދިޔަ ސީޒަންގައި ވެސް ބާސާ ވަނީ ދެވަނަ ބުރުން ޖާގަ ނުލިބި ކަޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!