ޔުނައިޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްލައި ދުބާއީގެ ދަތުރުތައް ގަން އިންޓަނެޝަނަލް އެއާޕޯޓަށް ފަށާ ތާރީހާއި ޝެޑިއުލް އިއުލާނު ކޮށްފި އެވެ.
ދުބާއީގައި އޮޕަރޭޓް ކުރާ ފްލައި ދުބާއީ އަކީ އަގު ހެޔޮ، ފެންވަރު ރަނގަޅު ހިދުމަތްތަކެއްދޭ ބަޖެޓު އެއާލައިން އެކެވެ. މި އެއާލައިނުން ރާއްޖެއަށް މިހާތަނަށް ދަތުރު ކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އެ އެއާލައިނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގަމާއި ދުބާއީ އާއި ދެމެދު ފްލައި ދުބާއީގެ ދަތުރުތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ 4 ގައި އެވެ.. އަދި ކޮންމެ ދުވަހަކު ދަތުރެއް ކުރާނެ ކަމަށް ބުނެ އެވެ.
މިއާއި އެކު ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތަކުގެ އަދަދު 28އަށް އިތުރުވާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައި ދުބާއީން ހަފްތާއަކު 21 ދަތުރު ކުރެ އެވެ.
ގަމަށް ކުރާ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ފްލައި ދުބާއީގެ ސީއީއޯ ގާއިތު އަލް ގާއިތު ވިދާޅުވީ މި ދަތުރު ތަކުން ޕެސެންޖަރުންނަށް ރާއްޖޭގެ އިތުރު މަންޒިލްތަކަށް ދަތުރު ކުރުމުގެ މަގު ފަހިވާނެ ކަމަށެވެ. މި އާ ހިދުމަތުގެ ސަބަބުން ދެކުނު އަތޮޅުތަކުގެ ރިސޯޓްތަކުގައި ތިބޭ މީހުންނަށް ދޯންޏަކުން ވިޔަސް ސީޕްލޭންގައި ވިޔަސް ދަތުރުކުރާ ވަގުތު ކުޑަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާލައިންގެ ފަސިންޖަރުންގެ ތެރެއިން ޔޫއޭއީ، ޖީސީސީ އަދި ސީއައިއެސްގެ މެދުގައި ޗުއްޓީ ހޭދަކުރުމުގައި އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެ ކަމަށެވެ.
މި އެއާލައިނުން ދެކޮޅު ދަތުރަށް އިކޮނޮމީ ކްލާސް ޓިކެޓެއް ވިއްކަނީ 550 ޑޮލަރަށެވެ. ދުބާއީން ގަމަށް ބިޒްނަސް ކްލާހުގައި ދަތުރު ކުރެވެނީ ދެކޮޅުދަތުރަށް 2،014 ޑޮލަރަށެވެ. އަދި ގަމުން ދުބާއީއަށް ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓުގެ އަގަކީ 1،600 ޑޮލަރެވެ.
އެއާލައިނުން ބުނީ މިހާރު މި ދަތުރުތަކަށް އޮންލައިންކޮށް ބުކިން ހެއްދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!