ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެ އެސޯސިއޭޝަނުން މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މަގާމުގެ ޝަރުތުތަކުގައި ހިމެނެނީ ދިވެހި ރައްޔިތަކު ކަމުގައި ވުމާއި އިންސާފާއި ހަމަހަމަކަން ދަމަހައްޓައި ގުޅިގެން މަސައްކަތްކުރެވޭފަދަ މީހަކަށްވުމާއި ޝަރުޢީ ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުމެވެ. އަދި ޖިނާއީ ކުށެއްގެ ތުހުމަތުގައި 15 ދުވަހަށްވުރެ ގިނަދުވަހުގެ މުއްދަތުގައި ޤާނޫނީ ބަންދެއްގައި ހުރި މީހަކަށް ނުވުމާއި ސާބިތު ދަރަންޏެއް އޮވެ، ދަރަނި އަދާނުކުރާ މީހެއްކަމުގައި ނުވުން ވެސް ހިމެނެ އެވެ.

Ad
rt

މީގެ އިތުރުން ހަވާލު ކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ވަގުތުދެވޭ އަދި ސްކައުޓް ޤާނޫނާއި ހަމަތައް ބަލައިގަނެ، ސްކައުޓް ޙަރަކާތުގެ ކުރިއެރުމަށާއި، ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރެވޭ ފަދަ މީހަކަށްވުމާއި ސްކައުޓް ވަޢުދާއި ޤާނޫނު ދަމަހައްޓައި، ސްކައުޓްގެ ހަމަތަކާއި އުޞޫލާ އެއްގޮތަށް މަސައްކަތްކުރާ މީހަކަށްވުމުގެ އިތުރުން ސްކައުޓް ލީޑަރަކަށްވުމާއި ސްކައުޓް ލީޑަރެއްގެ ގޮތުގައި ގްރޫޕެއްގައި ނުވަތަ އެސޯސިއޭޝަންގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށްފައިވާ މީހަކަށްވުން ނުވަތަ، ހިންގުމުގެ ދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވެސް ވާން ޖެހެއެވެ.

ހަމަމިއާއެކު އެ މަގާމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 25 އަހަރުން މަތީގެ މީހަކަށްވުމާއި ސްކައުޓް ޙަރަކާތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ ވިސްނުންހުރި، އަދި ޤައުމީ ސްކައުޓް ކައުންސިލާއި ޤައުމީ ސްކައުޓް އެސެންބްލީގެ ޖަލްސާތަކަށް ޙާޒިރުވެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކަށްވުން ވަނީ ހިމަނާފަ އެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ ހިންގާ ޤާވާޢިދުގައި ޗީފް ކޮމިޝަނަރ ގެ މަޤާމުގައި ހުންނަ މީހަކު އަދާކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހަކަށްވުން ވެސް ހިމެނެ އެވެ.

ޗީފް ކޮމިޝަނަރގެ މަޤާމަށް މީހަކު ހޮވާނީ ޤައުމީ ސްކައުޓް ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން، އެ އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ "ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޗީފް ކޮމިޝަނަރ ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަޑުތަކާއި އުސޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މި އޮކްޓޫބަރ މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، info@scout.mv އަށް ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ.