ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އެކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާއިރު، މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝިދު އެމެރިކާއަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ކަމަށެވެ.
މިއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވަރލްޑް ބޭންކުގެ އަހަރީ ޖަލްސާ އާއެކު ބާއްވާ ކްލައިމެޓް ވަނަރަބްލް 20 ގައުމުގެ (ވީ20) މާލީ ވަޒީރުންގެ 9 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވީ20 ގްރޫޕުގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ މިނިސްޓަރ ކެނެތް އޮފޯރި-އަޓާ ގެ ޚާއްސަ ދައުވަތުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވަރލްޑް ބޭންކް އަދި ސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރާއްޖެއަކީ ވެސް ސީވީއެފް ގެ މެމްބަރު ގައުމަކަށްވާއިރު، މި ދަތުރުފުޅުގެ އެންމެހައި ކަންކަން ބަލަހައްޓާނީ މަޖިލީހުގެ އިދާރާއިންނާއި ސީވީއެފް އޮފީހުން ނެވެ.
މިފަހަރުގެ ބައްދަލުވުމުގެ ޝިޢާރަކީ "ވެން އިޒް ނައު" ނުވަތަ "މިހާރަކީ ކޮންއިރަކު ހެއްޔެވެ؟" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!