ސިއްހީ ދާއިރާއާ ގުޅުންހުރި ދިރާސާ ކުރުމަކީ މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމުގައި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މުހިއްމު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" އާންމު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތައް ހޯދައި، ސިއްހީ ދާއިރާއަށް ބޭނުންތެރި ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާ ކަމަށެވެ.
އެގޮތުން ފާއިތުވި 2 އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ދިރާސާގެ މުހިންމުކަން ފާހަގަވެގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވި، މި ބަލިން ރައްކާތެރިވުމަށް ވެކްސިން އީޖާދުކުރެވުނީ ކުރެވުނު މިފަދަ ދިރާސާތަކުގެ އަލީގައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ނަސީމް ވަނީީ އެހެން ޤައުމުތަކެކޭ އެއެފަދައިން މިދާއިރާ ކުރިއެރުވުމަށް، މިނިސްޓްރީއާއެކު ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި ޕްރައިވެޓް ސެކްޓަރުން އަދާ ކުރަންޖެހޭ ދައުރު މުހިންމުކަން ފާހަގަކުރައްވައި ދިރާސާތައް ކުރުމުގައި ބައިވެރިވުމަށް މިނިސްޓަރ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ސިއްޙީ ދިރާސާތަކުގެ ޕަބްލިކޭޝަންތައް އިތުރުވެ ސިއްޙީ ދާއިރާއަށް ކުރިއެރުންތައް ލިބިގެންދިއުމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!