ހދ.ނެއްލައިދޫ ބަނދަރު ތެރެއަށް ވެލިގަނޑު ވަދެ އަނެއްކާވެސް ބަނދަރު ތިލަވާންފަށައިފިއެވެ.

ދާދި ފަހުން ވެސް މި މައްސަލަ ކުރިމަތިވެ އުޅަނދު ފަހަރު ވަދެ ނުކުންނަން އުދަނގޫވާ ދަރަޖައަށް ކަންތައް ދިޔުމާއި އެކު މިކަން ސަރުކާރާއި މަޖިލިސް މެމްބަރުގެ ސަމާލުކަމަށް ގެނައުމާއި އެކު ބަނދަރު ފުންކޮށްފައިވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށެވެ.

Ad
rt

ފުންކޮށްފައިވާ ބަނދަރު އަނެއްކާވެސް ތިލަވާން ފަށާފައިމިވަނީ ރަށްވަށާ ވޮޑޭ ވެލިގަނޑު ބަނދަރު ތެރެއަށް ވަންނަމުން ދާތީއެވެ.

މި މައްސަލަ ދިމާވަމުން ދާތީ ނެއްލައިދޫ ބަނދަރުގެ މަސައްކަތް ވަނީ މި އަހަރުގެ ބަޖެޓުގައި ހިމަނާ މީގެ ހަފްތާއެއްހާ ދުވަސްކުރިން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ނެއްލައިދޫ ބަނދަރުގެ ބޭރުތޮށީގައި 164 މީޓަރުގެ ބޮޑު ހިލަ ޖެހުމާއި، 224 މީޓަރުގެ އެއްގަމު ތޮއްޓެއްޖެހުމާއި، 125 މީޓަރުގެ ގުރޮއިން ހެދުމާއި، 33454 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 2102 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި،10 މޫރިންގް ބުލޮކް ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 20 ބައްތި ޖެހުމާއި ބަނދަރުގައި ރޭމްޕެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އެއް އަހަރުތެރޭގައި މަސައްކަތް ނިންމަން ޖެހޭއިރު މި މަސައްކަތުގެ ޖުމްލަ އަގަކީ 47623290.28ރ އެވެ.

ނެއްލައިދޫ ރައްޔިތުންގެ އުންމީދަކީ ނެއްލައިދޫ އަށް ދިމާވެފައިވާ މި މައްސަލައަށް ދާއިމީ ހައްލެއް އަވަސް މުސްތަގުބަލެއްގައި ލިބުމެވެ.