ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މުޅި މެޗު ރެއާލުން ކޮންޓްރޯލް ކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ތިންވަނަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ރެއާލަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރ މިލިއާޓޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ލުކާ މޮޑްރިޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗަށް އެންޗެލޯޓީ ނެގި ޓީމުގައި ރެއާލުގެ ކެޕްޓަން ކަރިމް ބެމްޒެމާ ހިމަނާފައި ނުވެއެވެ. އަނިޔާގައި ހުރުމަށް ފަހު ރިކަވާވެގެން ބެންޒެމާ ޓީމާއި ގުޅިފައި ވަނީ ނިމިދިޔަ ހަފްތާގައި އޮސަސޫނާއާއި ބައްދަލުކުރި މެޗުގެ ކުރިންނެވެ. އެ މެޗުގައި ބެންޒެމާއަށް ފުރަތަމަ އެގާރައިން ފުރުޞަތު ދިންނަމަވެސް، ރޭގެ މެޗުގައި އޭނާ ޓީމަށް ނަގާފައި ނުވަނީ ފިޓްނަސް އެންމެ ރަނގަޅު ނުވުމާއިއެކު އިތުރަށް އަރާމު ކުރުމަށް ފުރުޞަތު ދިނުމަށެވެ. ބެންޒެމާގެ ބަދަލުގައި ރޭ އެ މަގާމަށް ކުޅެފައި ވަނީ ރޮޑްރިގޯއެވެ.
މެޗުގައި ގެޓާފޭއަށް ލަނޑެއްޖަހަން އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ފުރަތަމަ ހާފުގައެވެ. އެ ޓީމްގެ ފަބްރީޒިއޯ ރެއާލުގެ އޭރިއާ ތެރޭހުރެ ދުރުކަނަށް ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި ކައިރުން ބޭރަށެވެ. އެ ވަގުތު ރެއާލުގެ ގޯލު ކުރިމަތީހުރި ބޮރާހާ މަޔޯރަލް އެ ބޯޅަ ރެއާލުގެ ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެ ބޯޅައިގައި ޓަޗް ކޮށްލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮ ވިނީސިއަސްއަށް ގެޓާފޭގެ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް ދިން ނަމަވެސް، ވީ އޭއާރުން ބެލުމަށް ފަހު ޕެނަލްޓީ ވަނީ ކެނަސަލް ކޮށްފައެވެ. ޕެނަލްޓީ ކެންސަލް ކޮށްފައި ވަނީ ވިނީސިއަސްއަށް އެ ބޯޅަ ލިބުނުއިރު އަރިމަތިން ބޭރުވެފައިވާކަން ވީއޭއާރުން ބެލުމުން ކަށަވަރުވުމާއި ގުޅިގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެ ލަނޑު ރޮޑްރިގޯ ކާމިޔާބު ކޮށްދިން ނަމަވެސް، އެ ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
މި ނަތީޖާއާއިއެކު ރެއާލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 8 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ބާސާ އޮތީ 7 މެޗުން ލިބުނު 19 ޕޮއިންޓާއި އެކުއެވެ. މިރޭ ސެލްޓަވީގޯއާއި ބާސާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން ރެއާލާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ. މެޗުން ބަލިވި ގެޓާފޭ މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 8 މެޗުން 7 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!