ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ގެއްލި، އިތުރުމީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށެވެ. އަދި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އިއްޔެ މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމަށެވެ. އަދި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށެވެ.
އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން މިއަދު ފެނިފައިވާއިރު، އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާ ކަމަށާއި އެމީހާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެމީހާ ފެނިއްޖެނަމަ ނުވަތަ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 އަށް ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!