ހދ. ކުޅުދުއްފުށި ސިޓީ އެއަރޕޯޓަށް ރޭގަނޑު ފުލައިޓް ޖެއްސޭނެ ދުވަސް އޮތީ ވަރަށް ގާތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިހުރި ކަންކަމާއި އަދި އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
މިއުވާން ވިދާޅުވީ އެ ސަރަހައްދުގެ ޝޯޕްރޮޓެކްޝަންގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ލައިޓިންގ މަސައްކަތް ފެށޭނެ ކަމަށެވެ.
ޝޯޕްރޮޓެކްޝަންގެ މަސައްކަތް މާގިނަދުވަހެއް ނުވެ ނިމޭނެކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކުޅުދުއްފުށި ރައްޔިތުންނަށް އެއަރޕޯޓު ރޭގަނޑު ބޭނުންކުރެވޭނެ ދުވަސް މާގިނަދުވަހެއް ނުވެ ފެންނާނެ ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ އުއްމީދަކީ ވީހާވެސް އަވަހަކަށް އެކަން ނިމުންކަމަށާއި އެސަރަހައްދު ތަރައްގީވެގެން އަންނައިރު، ކުޅުދުއްފުށި އެއަރޕޯޓަކީ ވެސް މުހިންމު ހަބަކަށް ވެގެންދާނެ ކަމަށެވެ.
ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީކުރި އެއަރޕޯޓު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުޅުވައުދެއްވާފައިވަނީ 2018 ސެޕްޓެމްބަރ 21 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!