ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހުޅުވާލައިފި އެވެ.

އެކަން ހާމަކޮށް އޭޖީ އޮފީހުން ބުނީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ޤަޞްދުކޮށްފައި ކަމަށެވެ.

Ad
rt

އެހެންކަމުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ތަޢާރުފުކުރަންޖެހޭ ޤާނޫނު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަސައްކަތް އޭޖީ އޮފީހުން މިހާރު ފަށާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

‘’އިސްވެ ދެންނެވި ބިލު އެކުލަވާލުމުގައި، ޝަރުޢީ ދާއިރާއާއި ކަމާބެހޭ އެނޫންވެސް ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ، ކަމާގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި، އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.’’ އޭޖީ އޮފީހުން ބުނެފަ ވެއެވެ.

އެކަމަށްޓަކައި އެކުލަވާލާފައިވާ ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅޭ ލިންކް: https://tinyurl.com/mwj3mkm7

އޭގެ އިތުރުން، އީ-މެއިލްގެ ޛަރީޢާއިން ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް legislative.affairs@agoffice.gov.mv އަށް އީ-މެއިލްކުރެއްވުމުގެ ފުރުޞަތުވެސް އޭޖީ އޮފީހުން ވަނީ ހުޅުވާލައިފައެވެ.

ޚިޔާލު ހުށަހެޅުމަށް އޭޖީ އޮފީހުން ދީފައިވާ މުއްދަތަކީ، މިއަދުން ފެށިގެން 20 އޮކްޓޫބަރު 2022 (ބުރާސްފަތި) ގެ ނިޔަލަށެވެ.