އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހައިތަނަށް 1410 މީހަކަށް ނަސޭހަތް ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ.

އެ އިދާރާ އިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ޖޫރިމަނާކޮށް، އިތުރު އެހެން ފިޔަވަޅެއް އަޅާފައި އަދިނުވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

Ad
rt

ނަންބަރު ބޯޑް ހުންނަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާ އުސޫލަށް އަމަލު ކުރަން ފަށައި، އުސޫލާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާ މެދު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ކުރި ކުރި އިއުލާނެއްގަ އެވެ.

އެއާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ވިދާޅުވެފައިވަނީ ގަވާއިދުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާމެދު ފިޔަވަޅު އަޅައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެ ކަމަށެވެ.