ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއީ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރާ ގޮތަށް ކުރިއސްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އާއެވެ.

Ad
rt

މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ސިއެރާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެމްއެޗްޕީ ޕްރަސާދް އެރަތުނާއެވެ.

މި މަޝްރޫއަށް 253.9 މިލިއަން ރުފިޔާ ހަރަދު ކުރާނެއެޗެ. މި މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 200 ހައުސިން ޔުނިޓު ގާއިމް ކުރާނެއެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓު ހުންނާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާގެ އިތުރުން، ސިޓިން ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑަރީ ރޫމްގެ އިތުރުން، ސްޓޯ ރޫމު ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމު ކުރުމަށް ޔުނިޓު ވަށައިގެން އަލި ކުރެވޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޕާރކްއަކާއި ވެހިކަލް ޕާރކް ކުރާނެ ޖާގައެއް ވެސް މި ސަރަހައްދިގައު ހަދާނެކަމަށް މިނިސްޓްރީން ބުނެއެވެ.