ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

މި ވާހަކަތައް ބާއްވާފައި ވަނީ ރައީސް ޞާލިޙް ބަޙްރައިން އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދެ ޤައުމުގެ ގުޅުން އާ މަރުޙަލާއަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ދެބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ބަޙްރައިންގެ ރަސްގެފާނު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ތަޢުރީފުކުރައްވާ ވާހަކަފުޅުދައްކަވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ޞާލިޙް ބަޙްރައިންއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި، މި ދަތުރުފުޅަކީ އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއްކަން ދެ ޤައުމުން ވެސް ދެކޭކަމަށް ރައީސް އޮފީހުން ވިދާޅުވެފަ ވެއެވެ.

ދިވެހިރާއްޖެއާއި ބަޙްރައިނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1980 މާރޗް މަހުގެ 24 ވަނަ ދުވަހުގައެވެ.