ރާއްޖޭގެ ކޮލެޖްތައް ޔުނިވަރސިޓީއަށް ބަދަލުވުމުގެ ފުރުޞަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުޙަލާގައި މިހާރު އޮތް "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަޙުސްގައި އެޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ޔުނިވަރސިޓީއަކަށް ވުމަށް ކޮލެޖްތަކަށް މިހާރު ހުރީ ވަރަށް އުނދަގޫ ޝަރުޠުތަކެއް ކަމަށެވެ.

Ad
rt

އެކަމަށް ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި އެގޮތުން ކޮލެޖެއްގެ ގޮތުގައި 15 އަހަރު ޝަރުޠުކޮށްފައި ހުރުންފަދަ ކަންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އޭގެ ބަދަލުގައި، ޝަރުޠުތަކަށް ވީހާވެސް ލުއި ދިނުމަށްފަހު، ފެންވަރު ހިފެހެއްޓޭ އަދި ފެންވަރު ބެލޭނެ ގޮތް ހަރުދަނާކޮށް، ކޮލެޖްތައް ރަނގަޅަށް އޮޑިޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރަންވީ ކަމަށެވެ.

މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް އިތުރަށް ވިދާޅުވީ ކިޔަވައިދިނުމަކީ ދުނިޔޭގެ ޤައުމުތަކުގައި އިންޑަސްޓްރީއެއްގެ ގޮތުގައި ބަލާފައިވާ ކަމަށެވެ.

"ރާއްޖޭގައި ސިޔާސީ ގޮތުން މިކަމުގައިވެސް ބައެއް ފަރާތްތަކަށް ޖެއްސުމާއި ގޯނާކޮށް، މިފަދަ ގޯނާތަކުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ވެސް ދަތިތައް ކުރިމަތިކޮށް، ޔުނިވަރސިޓީއަށް ބަދަލުވުމުގައި ދަތިތައް ކުރިމަތި ކުރުވާފައިވޭ. އަދި ވިލާކޮލެޖް، ސައިރިކްސް ކޮލެޖް އަދި އެވިޑް ކޮލެޖްފަދަ ކޮލެޖްތައް ރާއްޖޭގައި މީހުން ބިނާކުރުމުގައި ގިނަގުނަ ޚިދުމަތް ކޮށްފައިވާއިރު، ފެންވަރު ރަނގަޅު ޚިދުމަތާ ގުޅިގެން ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ފުރުޞަތު ލިބެންޖެހޭ." ނާޒިމް ވިދާޅުވި އެވެ.

ޔުނިވަރސިޓީ އަށް ބަދަލުވުމަށް ކޮލެޖްތަކަށް ލުއި ގޮތް ހޯދައިދިނުމަށް ހުށަހެޅިފައިވާ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ނާޒިމް ވަނީ ބިލުގެ ކޮމެޓީ މަރުޙަލާގައި މި ޝަރުޠުތަކަށް ވީހާވެސް ބޮޑަށް ލުއި ދިނުމަށް އެދިވަޑައިގެންފަ އެވެ.