މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރިތާ ހަފުތާއެއްގެ ތެރޭ އައިސްޕްލާންޓުތައް އޮޕަރޭޓުކުރަން ފަށައިފިއެވެ.
މިފްކޯ އިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ވަނީ ފެނަކައިގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ މިދިޔަ މަހުގެ 22ގައެވެ.
ފެނަކައިން މައުލޫމާތު ދޭ ގޮތުގައި މިހާރު އެކުންފުނިން އޮޕަރޭޓުކުރާ އެ 14 އައިސްޕްލާންޓުގެ ތެރެއިން 12 އައިސްޕްލާންޓަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްވެރިންނަށް އައިސް ވިއްކަން ވަނީ ފަށާފައެވެ.
އެ ކުންފުނިން އައިސް ވިއްކަމުން އަންނަނީ މިފްކޯއިންވެސް އައިސް ވިއްކި އަގުގައެވެ. ނަމަވެސް ހަރަދު ކުޑަކޮށް އައިސް އުފެއްދޭނެ ނިޒާމުތައް ގާއިމުކޮށް ޕްލާންޓުތައް ހިންގަން ފެށުމުން މަސްވެރިންނަށް އަގުހެޔޮކޮށް އައިސް ވިއްކެން ހުރި ގޮތްތައް ބަލައި އަގަށް ބަދަލު ގެންނާނެ ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ފެނަކައިން ހަވާލުވި އިރު ދެ އައިސްޕްލާންޓެއް ހުރީ މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ހާލަތެްގައެވެ. އެހެންވެ އެ ތަންތަނުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ފެނަކައިން ވަނީ މަސްވެރިންނަށް އައިސް ގަނެވޭނެ އިންތިޒާމު ފަސޭހަކުރުމުގެ ގޮތުން "ފެނަކަ އައިސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޕްލާންޓުތަކުން އައިސް ލިބެން ހުރި އަދަދު ބަލައި ކުރީބައިގައި އައިސް ގަތުމަށް ބުކިން ހެއްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!