މާލޭގެ އަމީނީމަގު ހަދަމުންދާގޮތާއި މެދު މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޭޔަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަގު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ދުވާރު ފުޅާ ކޮށް އުޅަނދުތައް ދުއްވާ ޖާގަ ހަނި ކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މަގު ހަދަމުންދަނީ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާ ވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާތަން ކަމަށް ވެސް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މުއިއްޒު މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މާލޭގެ އަމީނީމަގު ހެދުމުގެ މަޝްރޫއަކި މާލެ ސިޓީގެ ކުރީގެ ކައުންސިލާއި އާރްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު ހޮވުނު ފަހުން ވަނީ އެދެވޭ ހެޔޮ ބަދަލުތަކަކާ އެކު 39 މިލިއަން ރުފިޔާއަށް މި މަޝްރޫއު ނިންމޭނެ ކަމަށް ބުނެފައިވީނަމަވެސް ސަރުކާރުން ވަނީ މި މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން އަތުލައި، ކުރިން މި މަޝްރޫއު ހިންގުމަށް އެއްބަސްވެފައިވާ އަގަށްވުރެ ބޮޑުއަގުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ. އާރްޑީސީ އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ.

ކައުންސިލް އަތުން މި މަސައްކަތް އަތުލުމުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދާ ކަމަށް ބުނެ، މިކަމުގެ ކަންބޮޑުވުން ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ.

އާރްޑީސީން، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަގުގައި ހުރި ގަސްތައް ނަގަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް އަންނަނީ ގިނަބަޔަކު ފާޅުކުރަމުން ނެވެ. ޚާއްސަކޮށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ، ގަސްތައް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދި ވަނީ ސިވިލް ކޯޓަށް ހުށަހަޅުއްވާފަ އެވެ.