އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަ މަޔާމީ އެފްސީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ގޮންޒާލޯ ހިގުއައިން މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ހިގުއައިން ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލަން ނިންމާފައިވާކަން އިޢުލާންކޮށް އޭނާ ބުނެފައި ވަނީ ފުޓްބޯޅަ އަށް އަލްވަދާއު ކިޔަންވީ ވަގުތު ޖެހިއްޖެކަމަށް ޤަބޫލްކުރާ ކަމަށާއި ކުޅުން ހުއްޓާލަން ނިންމާފައި ވަނީ މީގެ ތިން ހަތަރު މަހެއް ކުރިން ކަމަށެވެ. އިތުރަށް އޭނާ ބުނެފައި ވަނީ އޭނާގެ ފުޓްބޯޅަ ކެރިއާގައި އުންމީދުނުކުރާ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

Ad
rt

ހިގުއައިން ފުޓްބޯޅައިގެ ސީނިއާ ކެރިއާ ފަށާފައި ވަނީ 2005 ވަނަ އަހަރު އާޖެންޓީނާގެ ރިވަޕްލޭޓުންނެވެ. އެއަށްފަހު އޭނާ ވަނީ 2007 ވަނަ އަހަރު ސްޕެއިންގެ ގަދަ ބާރެއް ކަމަށްވާ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. ރެއާލަށް އޭނާ ވަނީ ހަ އަހަރު ކުޅެފައެވެ. އެ މުއްދަތުގައި ސްޕެނިޝް ލަލީގާގެ ތަށި ތިން ފަހަރު، ކޮޕަ ޑެލް ރޭ އެއްފަހަރު އަދި ދެ ފަހަރު ސްޕެނިޝް ސްޕަކަޕް ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރެއާލް މެޑްރިޑަށް ކުޅެދިން 264 މެޗުގައި 121 ލަނޑު ޖަހާފައެވެ.

ހިގުއައިން ވަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް 75 މެޗު ކުޅެދީ 31 ލަނޑު ޖަހާފައެވެ. އޭނާ ޤައުމީ ޓީމާއެކު 2014 ވަނަ އަހަރު ވޯލްޑް ކައޕް ފައިނަލުގައި ކުޅުމުގެ އިތުރުން 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި ވެސް ވަނީ ކުޅެފައެވެ. އޭނާ އެންމެ ފަހުން ޤައުމީ ޓީމަށް ކުޅެފައި ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 2-1 އިން ނައިޖީރިއާ އަތުން މޮޅުވި މެޗުގައެވެ.

ހިގުއައިންގެ ކެރިއާގައި މިހާތަނަށް 707 މެޗު ކުޅެފައިވާއިރު، އެ މެޗުތަކުގައި އޭނާ ވަނީ 333 ލަނޑުޖަހައި 113 އެސިސްޓް ކޮށްދީފައެވެ. ރެއާލް މެޑްރިޑްގެ އިތުރުން އޭނާ ވަނީ ޔޫރަޕްގެ ބައެއް ބޮޑެތި ޓީމްތަކަށް ކުޅެފައެވެ. މިގޮތުން އޭނާ ވަނީ އިޓަލީގެ ނަޕޯލީއަށާއި ޔުވެންޓަސްއަށް ވެސް ކުޅެފައެވެ. ޔުވެންޓަސްއާއި އެކު އިޓާލިއަން ލީގު ތަށި ތިން ފަހަރެއްގެ މަތިން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށާއި އޭސީ މިލާނަށް ވެސް އޭނާ ވަނީ ކުޅެފައެވެ.

އިންޓަ މަޔާމީގައި މި ސީޒަންގައި ވެސް ހިގުއައިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އޭނާ ވަނީ މި ސީޒަންގައި އެ ޓީމަށް ކުޅެދިން 14 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްދީފައެވެ.