ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެއާލުން މި ސީޒަންގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުން އަތުވެއްޖެއެވެ.

ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 1-1 ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

Ad
rt

ރޭގެ މެޗަށް ރެއާލް ނުކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމްގެ އެއް ނަމްބަރު ކީޕަރު ކޯޓުއާއާއި އިތުބާރު މިޑްފީލްޑަރ ލުކާ މޮޑްރިޗް ޓީމުގައި ނެތެވެ. ރޭގެ މެޗުގައި ރެއާލުގެ ގޯލު ބަލަހައްޓާފައި ވަނީ ލުނިންއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ރެއާލުންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ވިނީސިއަސް ޖޫނިއާއެވެ. ވިނީސިއަސް މި ލަނޑު ޖަހާފައި ވަނީ އޮސަސޫނާގެ އޭރިއާގެ ބޭރުގައިހުރެ ދުރުކަނަށް ފޮނުވާލި ހަމަލާއަކުންނެވެ. އެ ބޯޅަ ގޮސް ގޯލަށްވަތްއިރު ރެއާލުގެ ދެ ކުޅުންތެރިން އޮފްސައިޑްގައި ތިބުމުން ވީއޭއާރު މެދުވެރިކޮށް އެ ލަނޑު އިތުރަށް ބެލުމަށް ފަހު ރެފްރީވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

އޮސަސޫނާއިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑު ކިކޭ ގާސިއާ ކާމިޔާބު ކޮށްފައި ވަނީ، ރެއާލުގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު ރެއާލުން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ރެއާލުން އެޓޭކް ރަނގަޅު ކުރުމަށް ގިނަ ބަދަލުތަކެއް ވެސް ކުރިތަން ފެނިގެންދިޔައެވެ. މިގޮތުން ޗޫމެނީގެ ބަދަލު ވަލްވަޑޭ، ކެބާޔޯސްގެ ބަދަލު ކަމަވިންގާ، ކުރޫސް ބަދަލު އެސެންސިއޯގެ އިތުރުން ޑިފެންޑަރު ކަރަވަހާލް ބަދަލު މަރިއާނޯ ވެސް ވަނީ ކުޅެންނެރެފައެވެ.

މެޗުން މޮޅުވާން ރެއާލުން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ބެންޒެމާއަށެވެ. މެޗުގެ 78 ވަނަ މިނެޓުގައި އޮސަސޫނާގެ އޭރިއާތެރެއުން ބެންޒެމާއަށް އޮސަސޫނާގެ ޑޭވިޑް ގާސިއާ ކުރިފައުލަކާއި ގުޅިގެން ވީއޭއާރުން ބެލުމަށް ފަހު ވަނީ ޕެނަލްޓީއެއް ދީފައެވެ. ބެންޒެމާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ފައުލާއި ގުޅިގެން ރެފްރީ ވަނީ ޑޭވިޑް ގާސިއާއަށް ސީދާ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އޮސަސޫނާއިން މެޗުގެ ފަހު ބާރަވަރަކަށް މިނެޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ރެއާލުން ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ލަނޑެއް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

ރެއާލުން މި ސީޒަންގައި ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު، މިއީ އެ ޓީމްއަތުން ޕޮއިންޓެއް ގެއްލުނު ފުރަތަމަ މެޗެވެ. މި ނަތީޖާއާއިއެކު ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. ތާވަލުގެ އެއްވަނާގައި ހަތް މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ވާދަވެރި ބާސެލޯނާ އޮތްއިރު ދެވަނާގައި ރެއާލް ވެސް އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ބާސާއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުނެނެވެ.