ރާއްޖޭގެ އިޤުތިޞާދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެ އެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެތައްހާސް ވަޒީފާއެއް އަލަށް އުފެއްދިއްޖެ ކަމަށެވެ.

Ad
rt

17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށެވެ. އަދި އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުން ވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހިސާބަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާ އާއި 13 ޓޫރިސްޓު ހޮޓަލާއި 721 ގެސްޓް ހައުސް ހިންގަމުން އެބަދާ ކަމަށެވެ.

އޭގެ އިތުރުން ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި 147 ޓޫރިސްޓް އުޅަނދާއި 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ދާއިރު، ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބަލާއިރު މިހާރު 57436 އެނދު އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚާއި ފަތުރުވެރިކަން ފެށިގެން މިއަދާއި ހަމައަށް އައި ގޮތުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބާނީންނަށް މިއަދު ޝުކުރު އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ އެހެންވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިޞިނާޢަތު ސިންދަފާތުކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމަށެވެ.

މީގެ އިތުރުން އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި މިގޮތުން ހަނިމާދޫ އެއާޕޯޓާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަރނޭޝަލް އެއާޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް ކަމަށެވެ. އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ކަން ފާހަގަކުރައްވައި، އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" އިފްތިތާޙްކޮށްދެއްވައި، އެ އެވޯޑް ލިބިވަޑައިގެންނެވި 6 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.

މިޖަލްސާގައ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެ ވަޑައިގެން، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީ އެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގަ އެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބާނީންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.