ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާއި ގުޅިގެން ދެއްވި މެސެޖުގަ އެވެ.
އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާ ކަމަށެވެ. އަދި އަމާންކަމެއްގެ މައްޗަށް ކަމަށެވެ.
މީގެ އިތުރުން ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެރެއިން ގެނެވޭ ބަދަލަކީ އޭގެ ފަހަތުގައި ޞުލްޙައާއި އަމަން އަމާންކަން ދެމި އޮންނަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަށް މަސައްކަތްކުރަން ޖެހޭ އިރު، އެ ކުރާ މަސައްކަތަކީ ގަދަބާރާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަމާ ދުރުވެތިބެ ކުރާ މަސައްކަތަކަށް ހެދުން މުހިންމު ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި އަނިޔާވެރިކަމާ ދުރުވެ ތިބެ، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކަށް މަސައްކަތްކުރުން ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދުވަހާގުޅޭ ބެޖެއް ހަދިޔާކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހަކީ ޞުލްޙަވެރިކަމުގެ ސަޤާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އ.ދ. އިން 2007 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!