ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާއިރު، އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅު ވެއްޖެއެވެ.
އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ ޖެހިގެންއައި 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ.
ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 5:45 ހާއިރު ފެނިފައި ވަނީ އަޛުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަޛުހާނު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި މިރޭ ހުންނަވައިގެން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ނޫސްވެރިންނަށް ވިދާޅުވީ އެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށެވެ.
އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ވީރާވާން ފަށާފައި ކަމަށާއި، މިހާތަނަށް ބެލި ބެލުމުން އެ ހަށިގަނޑަކީ އަޛުހާނުގެ ހަށިގަނޑަށްވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ، ހަށިގަނޑުގައި އެއްވެސް ޒަހަމްތަކެއް ހުރި ކަމަށް ބުނަން އަދި ދަތި ކަމަށެވެ. އަދި އެ މައުލޫމާތު ޔަގީންކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށާއި، ޕޯސްޓްމޯޓަމް ހަދާނެކަން އަޛުހާނުގެ އާއިލާއަށް އަންގާފައިވާނެ ކަމަށް ވެސް ހަސަން މިރޭ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!