ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ ޖެހިގެންއައި 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ.

ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 5:45 ހާއިރު ފެނިފައި ވަނީ އަޛުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ނޫސްވެރިންނަށް އިތުރު މައުލޫމާތު ދިނުމަށް މިރޭ 1945 ގައި، ހުޅުމާލެ، ނިރޮޅުމަގު، ވޯޓާ ތީމު ޕާކު ކައިރީ އޮންނާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރު 26 ވަނަ ދުވަހު ފުލުހުން އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އަޛުހާނު ގެއްލުނު ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފުލުހުން ވަނީ ފަށައި، އެ މައުލޫމާތު ފުލުހުންގެ ހުރިހާ ބަހާތަކާއި ހިއްސާކޮށްފަ އެވެ.

މި މަސައްކަތުގެ ތެރެއިން، އޭނާ އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ފޭސް އެކެއްގައި ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށް ފެންނަން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަޛުހާން ފޭސް އެކަކުން ދެއަކަށް އަދި ދެއަކުން އެކަކަށް ދަތުރުކުރި ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު، އެންމެ ފަހުން އަޛުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް އެނގިފައިވާ ސަރަހައްދަކީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދު ކަމަށް ވެސް ފުލުހުން ވަނީ އެ ބަޔާނުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އަޒްހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަން ވެސް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.