ސިއްހީ ފަރުވާ ލިބުމުގައި ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުވެގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އާއްމު ސިއްހަތާ ބެހޭ ގޮތުން މަޝްވަރާކުރަން ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިިދާޅުވީ
ކުދި ރަށްތައް މިހާތަނަށް އޮތީ ހަނދާން ނައްތާލެވިފައި ކަަމަށެވެ. ސިއްހީ ހިދުމަތްތައް ފުޅާކުރަން ހުރިހާ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަކު ކުދި ރަށްތަކުގެ މަތިން ހަނދާން ނައްތާލެވިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ބަލިވެއްޖެ ކަމަށް ވަންޏާ އެންމެ ކުޑަ ރަށުގައި ހުންނަ މީހާއާ އެންމެ ބޮޑު ރަށުގައި ހުންނަ މީހާއާ އަޅުގަނޑުމެންގެ ކުރިމަތީގައި ތަފާތުވެގެން ނުވާނެ،" ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި ރަށްތަކުގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށް މިހާރުގެ ސަރުކާރުން މަަސައްކަތްކުރާނެ ކަމަށާއި ކުރިއަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން އެ ފަރަގު ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ކުދި ރަށްތަކުން ވެސް ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޑުއަހަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސާފުތާހިރުކަމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭކަމާއި ކަސްރަތު ކުރުމާ ހެލިފެލިވެ އުޅުމަކީވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާބޭނުކުރުމަށް ޚާއްޞަ ސަމާލުކަމެއްދީ ކުޑަކުދިންނަށް ނަމޫނާ ދައްކަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރުވެސް ޢާންމު ޞިއްހަތުގެ ނިޒާމު އަދި ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ތުއްތުކުދިންގެ ޞިއްޙަތާއި އެހެނިހެންކަންކަން ގާތުން ބެލުމަށް މައިންނަށް ވަގުތު ދިނުމުގެ ގޮތުން މައިންނަށް ދެވޭ ވިހެއުމުގެ ޗުއްޓީ އިތުރުކޮށްދިނުމާއި ސަރުކާރުން ފަށާފައިވާ ސްކޫލް ހެލްތު ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އާންމު ތަންތަނުގައި އެހެންމީހުގެ ޞިއްޙަތަށް ގެއްލުންލިބޭ ފަދަ ގޮތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެނައުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި މަހާސިންތާއަކީ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުމުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާކޮށް ކަންތައްތަކެއް ނިންމުމުގެ ގޮތުން ކުރިޔަށްގެންދެވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނުވެރިންނާއި ޚިދުމަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!