އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމެޓީއަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވެވި ޖަލްސާގައި މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

Ad
rt

ބަޖެޓުގައި ވާގޮތުން މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 22.2 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 10.1 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހަމަ އެއާއި އެކު ބަޖެޓުގައި ވާގޮތުން މާލެ ރީޖަންގައި ހިންގާ މަޝްރޫއުތަކަށް ޖުމްލަ 3.35 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ބަޖެޓުގައި އަތޮޅުތަކުގެ ތަރައްގީއަށް ހިމަނާފައިވަނީ 2.51 ބިލިއަން ރުފިޔާ އެވެ.

މާލެ ރީޖަންގެ ގިނަ ބޮޑެތި މަޝްރޫއު ތަކެއް ބަޖެޓުގައި އެކުލަވާލާފައިވާއިރު 2020 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އެއް ޢަމާޒަކީ، ރާއްޖެއަށް ބޭނުންވާ ޢަސާސީ އުމްރާނީ ވަޞީލަތްތައް ޤާއިމުކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއް ކަމުގައިވުމާއެކު، 2020 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ގައި ބުނާގޮތުން ބަޖެޓް ދިރާސާކުރުމަށް ހަމަޖެހިފައިވަނީ މާލިއްޔަތު ކޮމެޓީ އާއި އިޤްތިޞާދީ ކޮމެޓީ އެއްކޮށްލައިގެންނެވެ.ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއް ބަޖެޓް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށްވެސް ޤަވާއިދުގައި ބުނެއެވެ. އަދި ބަޖެޓުގެ ބަހުޘް ކުރިޔަށްގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކަމަށް ޤަވާއިދުގައި ވަނީ ބުނެފައެވެ.