ޕާކިސްތާނަށް އެހީވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިސްލާމިކް އޯގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލައްވައިފި އެވެ.

އެފަދައިން ގަވައިލެއްވީ އައިއޯސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިއޯސީސީ ރައީސް، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

Ad
rt

ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް ދިމާވެފައިވާ ދަތި ޙާލަތާ ގުޅިން އެހީތެރިވުމަށް ގޮވާލައި އައިއޯސީސީ އިން ބާއްވި ޚާއްޞަ ޕްރެންސް ކޮންފަރެންސް ގައި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޕާކިސްތާނަށް މިވަގުތު ކުރިމަތިވެފައިވާ ގުދުރަތީ، އިންސާނީ ކާރިސާގެ ތެރޭގައި އެގައުމުގެ އެތައް މިލިއަން ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފައިކަމަށެވެ. އަދި އިންސާނީ ވަރަށްބޮޑު ގުދުރަތީ ކާރިސާއަކާ ކުރިމަތިލާފައިވާ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ އެތައްބައިވަރު ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި ކޮލެޖުތަކާއި އަދި އިންސާނީ އެކިއެކި ވަސީލަތްތައް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. މި ހާލަތުގައި ޕާކިސްތާނުގެ ރައްޔިތުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މީހުންނަށް އެދިގޮވަނީ އެމީހުންނަށް މިވަގުތުކުރިމަތިވެފައި އޮތް ހިތްދަތި ހާލަތުން އަަރައިގަތުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

މުސްލިމު ގައުމުތަކުގައި ރައްޔިތުންގެ ފެންވަރުގައި މިކަންތައްތައް ކުރިއަށްދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޕާކިސްތާނަށް އެހީވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވައިލައްވާފަ އެވެ.

"އަޅުގަނޑަށްވެސް އިހްސާސް ކުރެވޭ ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތް ގޮތް. އެހެންނަމަވެސް ދިވެހި ލޮބުވެތި ރައްޔިތުންނަކީ ވަރަށްވެސް ދީލަތި، ވަރަށް ޚުލްގުހެޔޮ، އަނެކުންނަށް އަޅާލާ ރައްޔިތެއް. އެހެންކަމުން އަޅުގަނޑު ވަރަށްއަދަބުވެރިކަމާއެކުގަ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެނީ ޕާކިސްތާނުގެ ލޮބުބެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް." ޑރ. ޝަހީމް ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ނަޒަރުން ބައްލަވައިލައްވާ ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި އިސްލާމީ އުންމަތުގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށެވެ. އެގޮތުން އެ ހަށިގަނޑުގެ އެއްވެސް ގުނަނަކަށް ގެއްލުން ވެއްޖެނަމަ، އެހެން ހުރިހައި ގުނަންތަކެއް އެ ހިތިކަން އިހްސާސްކުރާކަން ވަނީ ހަނދުމަކޮށްދެއްވާފަ އެވެ.

ޑރ. ޝަހީމް ވަނީ ޕާކިސްތާނު އެމްބަސީ އާއި މޯލްޑިވްސް ޕާކިސްތާން ފްރެންޑްޝިޕް ޖަމިއްޔާ އިން މާދަމާ ކުރިއަށްގެންދާ ޓެލެތޯނުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. މިކަމުގައި އައިއޯސީސީން ދެވެން އޮތް އެންމެހައި އެއްބާރުލުމެއް އަރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ވަރުގެ މަސައްކަތެއް ދިވެހިން ކުރަންޖެހޭނެ ވަގުތެއް ކަމަށެވެ.