ކުރީ އަދަދާއި ގުޅޭ

ދޮންބެ ކޮންކަމަކާ މާ އަވަހަށް ތި ހޭލި. އެއްކަލަ ތަނުން އިންޓަރވިއުއަށް ގުޅައިފިތަ؟". ޝެލިން އަހާލިއެވެ. މިކްޔާލްގެ ފަރާތުން ލިބޭނޭ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރެއެވެ.

Ad
rt

" ނޫން. އަދި ނުގުޅާ". މިކްޔާލްގެ ޖަވާބު ކުރެވެ. ވާހަކަ ދެއްކީ މަޖުބޫރުވެގެން ކަހަލައެވެ. ހިނދުކޮޅަކު ވިސްނަން އިނދެފައެވެ.

" މަންމައަށް ގޮވާލަދީބަ. ބޭރަށް ނުކުތް މީހާ ނާދޭ އަދިވެސް. މިހާރު މިކަން މި ނިމެނީ".. ޝެލިން ބުންޏެވެ. މިކްޔާލް މަޑު ހޫމްއެއް އަޅުވާލި އަޑު އިވުނެވެ. ދެން ޝެލީން ބަލާލިއިރު މިކްޔާލް ފެންނާކަށް ނެތެވެ. އޭނާ ކޮފީބުއި ޖޯޑު ވެސް މޭޒުމަތީ ނެތެވެ. އެވަގުތު ހަރުގަނޑުގައި އަޅުވާފައި އޮތް އެ ޖޯޑު ފެނި ޝެލިން ދެފަރާތަށް ބޯ ހޫރާލިއެވެ. އެހާ އަވަހަށް އަޑެއް އިއްވާ ނުލާ މިކްޔާލް ދިޔައީތީ އޭނާ ހުރީ ހިސާބަކަށް ހައިރާންވެސް ވެފެއެވެ.

މައިރާ ބަދިގެއަށް އައީ ވެސް އޭގެ ތިރީހަކަށް މިނިޓް ފަހުންނެވެ. އޭރު އޭނާ ލަސްވާތީ ޝެލިން މަސްހުނި ވެސް މޮޑެފިއެވެ. މައިރާ ފެނުމާއެކު ކުސް ތަޅާލަމުން ޝަކުވާ ކޮށްލީ މިކްޔާލްއާ ދިމާލަށް ވެސް ކުދި ކިޔާލަމުންނެވެ.

" ކޮން އިރަކު މިކް ހޭލީ؟ މަންމަ ކައިރިއަށް ނާދޭ ގައިމު". މައިރާ ބުނެލިއެވެ. ޝެލިންއަށް އެކަން ގަބޫލުކުރަން ދަތިވިއެވެ. އޭނާ ބުނެފިކަމެއް ނުކޮށް މިކްޔާލް ނުހުންނާނެކަން އެނގޭތީއެވެ.

" ތި ވާނީ ދޮންބެ ހަނދާން ނެތުނީ ކަމަށް. އަންނާނަށް ކޮޓަރީގަ އުޅޭތޯ ބަލާލާފަ". މައިރާގެ ފަރާތުން ލިބޭނޭ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަވަސް ފިޔަވަޅު ތަކެއްގައި ޝެލިން ބަދިގެއިން ނުކުމެއްޖެއެވެ. މައިރާގެ ކޮޓަރިއާ ޖެހިގެން ހުރި މިކްޔާލްގެ ކޮޓަރީގެ ތަޅުގައި ޝެލިން ހިފާލިއެވެ. ތުންކޮޅު ދަމާލެވުނީ އެހާ އަވަހަށް މިކްޔާލް ދޮރު ތަޅުލީތީއެވެ. ހިސާބަކަށް ނުރުހުންވެފައި ހުރެ ޝެލިން ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލަމުން މިކްޔާލްއަށް ގޮވާލިއެވެ.

މިކްޔާލް ދޮރު ހުޅުވީ ދެތިން މިނިޓް ފަހުންނެވެ. ނިދާ ހޭލިގޮތަށް ހުރި އިރު އޭނާގެ ދެލޯ ހުޅުވެނީ ކިރިޔާއެވެ. ނިދި ބަރުވެފައިވާ އަޑުން ޝެލިންއާ ސުވާލުކޮށްލީ ކިހިނެތްވީތޯއެވެ.

" ވެރީ ފަނީ ދޮންބެ. ސްޓޮޕް އެކްޓިންގް.." ނުރުހެންވެފައި ހުރެ ޝެލިން ބުނެލިއެވެ. ހިސާބަކަށް ހިތުގައި ބިރުވެރިކަމެއް އުފެދުނު ނަމަވެސް އެކަމެއް އޭނާ ފާޅު ނުކުރިއެވެ. މިކްޔާލްގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ޝެލިން އެފަދައިން ބުނަންވީ ކީއްވެކަމެއް ނޭނގުމުން ސުވާލުކޮށްލިއެވެ.

" މަންމައަށް ގޮވާށޭ ބުނީމަ އަނެއްކާ ނިދީ ދޯ". ހުޅުވިފައިވާ ދޮރުގެ ހަނި ދޭތެރެއިން ޝެލިން ކޮޓަރިތެރެއަށް ދެމިގެންފިއެވެ. އެނދުގައި އެއް އަރިއަށް ވާ ގޮތަށް އިށީންނަމުން އޭނާ ބަލާލީ މިކްޔާލްއަށެވެ.

" މި ކޮން ގަޑިއެއް ދެން ޝެލީ ޑްރާމާ ބޮޑު ކުރަން. މަންމައަށް ގޮވާނީ ކިހިނެތް ؟ އަދި މިހޭލީ. ހޭލާ ހުރެ ޝެލީ ހުވަފެން ބަލަން ފެށީތަ؟". ސަމާސާ ރާގަކަށް މިކްޔާލް އަހާލިއެވެ. ކޮންމެވެސް ވަރަކަށް ނިދީގެ އަސަރު ހުރި ނަމަވެސް އޭނާ ދެން އިތުރަށް ނިދުމުގެ ހިޔާލު ދޫކޮށްލައި ޝެލިން ކައިރީ އިށީނދެއްޖެއެވެ. ކޮއްކޮގެ މޫނުން ފެންނަން ހުރި ސީރިޔަސް ކުލަވަރުން ކަމެއް ވީހެން މިކްޔާލްއަށް ހީވީއެވެ.

" އެވާހަކަ ނޫނޭ. ރޭގަ އެއީ ކާކު؟" މިކްޔާލް ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމާއެކު ޝެލިން އަހާލިއެވެ. ހަގީގަތުގައި އޭނާ ހުރީ އެ ސުވާލު ކުރަން ވެސް ބޭނުންވެފައެވެ.

" ޔޫ މީން ކަރަމް؟ " މިކްޔާލް އަހާލައިފިއެވެ. އެ އަޑުގައި ކުޑަ ލާނެތްކަމެއް އެކުލެވިގެން ދިޔައެވެ.

" ނޭނގެ ކަރަމްއެއް ކަމެއް. ދޮންބެ ގެއަށް ރޭގަ ގެނައި ފްރެންޑަކީ ކާކު ހެއްޔޭ މި އެހީ". ޝެލިން ހިތުގެ ހާލު ސިއްރު ކުރިއެވެ. އޭނާގެ ރާގުން ބުނެދިނީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމެވެ. އެހެނަސް އެ ޒުވާނާއާ ބެހޭ ގޮތުން އެނގުމަށް އެ ހިތް ތެޅި ފޮޅެނީއެވެ.

" އެއީ މި ރަށު ކުއްޖެއް. އިއްޔެ ހަވީރު ކުޅެން ގޮއްސަ ދަނޑުން ދިމާވީ. މި ހުރިހާ ދުވަހު ސްކޮޓްލޭންޑްގައޯ އުޅުނީ". ފަހު ޖުމްލަ މިކްޔާލް ބުނެލި އިރު އެ އަޑު ހިސާބަކަށް މަޑުވިއެވެ. ޝެލިންގެ މޫނަށް ބަލާލީ އިރު އެ މޫނުން ފާޅުވާން ހުރީ އޭނާ ހީކުރި ކުލަވަރެވެ. ކޮއްކޮގެ އަތުގައި މިކްޔާލް ހިފެހެއްޓީ އޭނާއާ އެކު ވަމޭ ބުނުމުގެ ގޮތުންނެވެ.

" ޑޫ ޔޫ ތިންކް މޭބީ ކަރަމް ވިލް ނޯ މައި ޑޭޑް؟ އައި މީން، ސޭމް ކަންޓްރީ ރައިޓް". ޝެލިން އަހާލިއެވެ. އުންމީދުން ފުރިގެންވީ ނަޒަރަކުން މިކްޔާލްއަށް ބަލާލި ކަމުގައި ވެސް އެ އަސަރުތައް ފަނޑުވީ މިކްޔާލް ބޯ ހޫރާލުމުންނެވެ.

" މައި ސްވީޓް ލިޓްލް ސިސްޓަރ. އިވާންބެ އާ ކަރަމްގެ ކިހާ ބޮޑު އޭޖް ޑިފަރެންސް އެއް ހުންނާނެ. ދޮންބެއަށް ހިއެއް ނުވޭ އެނގޭނެހެން. އެހެން ނޫނަސް އެއީ ބޮޑު ގައުމެއް. އިވާންބެ ދިރިއުޅުމުގެ ބޮޑު ބައި ހޭދަކުރީ ރާއްޖޭގައޭ މަންމަ ބުނީ". މިކްޔާލް ބުނެލުމުން ޝެލިން ބޯ ޖަހާލިއެވެ.

" ދޮންބެއަށް ހިއެއް ނުވޭތަ ކަރަމް ވިއަރޑްހެން. މި ބުނީ ހީ ލުކްސް ވެރީ ޑިފަރެންޓް. އިންސާނެއް ވައްތަރެއް ނުޖަހާ". ޝެލިން ބުނެލީ ސިއްރުންނެވެ.

އޭނާ ޔަގީން ކޮށްގެން ހުރީ ކަރަމް އަކީ އޭނާ ކިޔާ އުޅޭ ފޮތްތަކުގައި އުޅޭ ވެމްޕަޔަރ އެއް ކަމުގައެވެ. އެފަދަ މަޚުލޫގަކަށް ކަރަމް ވެއްޖެނަމަ ކިތަންމެހާވެސް ބިރުވެރިއެވެ. ދުރުގަ ހުރެގެން ވެސް އެ ދެ ޒުވާނުން ދައްކާ ވާހަކަތައް އަޑު އަހާފާނެއެވެ.

މިކްޔާލް ހޭން ފެށުމާއެކު ޝެލިން ތުންފިއްތާލިއެވެ. ކުރިން ވެސް މިކްޔާލް ގާތު އެވާހަކަ ބުނަން އޭނާ ޖެހިލުންވި ސަބަބު އެއީއެވެ. މިކްޔާލް އެ ވާހަކަ ސީރިޔަސް ކޮށް ނުނަގާނެކަން އޭނާއަށް ޔަގީންވިއެވެ. ރުޅި މޫނު ހަދާލައި ޝެލިން ނުކުތީ މިކްޔާލް ގޮވަ ގޮވާ ހުއްޓައެވެ.

ސިކުނޑިއަށް ލިބިފައިވީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ނަފްސު ވަށާލައިފައިވި އަނދިރިކަމެއްގެ އިޙްސާސް ހުއްޓުމެއްނތި ކުރެވެނީއެވެ. ހިތުގެ ވިންދު ހަމަޖެހިލާ ހިނދުކޮޅެއް ވެސް ނުދެއެވެ. ލޮލުން ކަރުނަ ހިލެން ފެށުމާއެކު ޝެލިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ބަލާލެވުނީ ހަރުގަނޑުގައި ހުރި ތަސްވީރަށެވެ. ބާރު ހިނގުމެއްގައި ގޮސް އެ ތަސްވީރު އަތަށް ނެގުމާއެކު ޝެލިންގެ ހަރަކާތްތަކަށް ލަސްކަމެއް ވެރިވިއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބޭނޭ ގޮތެއް ނެތެވެ. އޭނާއަށް ދިމާވަމުން މިދަނީ އާދައިގެ ކަމެއް ނޫންކަން އެނގެއެވެ. ނަމަވެސް ހައިރާންވަނީ އެކަމުން ޖެހިލުން ނުވާތީއެވެ. ނޭނގޭ ރައްކާތެރިކަމެއް އިހްސާސް ކުރެވޭތީއެވެ. ކަރަމްގެ ހިޔާލުން ސިކުނޑި ހާސްވާ ކޮންމެ ހިނދަކު އޭނާގެ ހިތް މަގު ދައްކައިދެނީ އެ ތަސްވިރަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެ ޒުވާނާއަކީ ޝެލިންއަށް ހާއްސަ މީހެއްކަމުގައި ހީކުރެވެނީއެވެ.

" ހޫ އާރ ޔޫ؟ ކީއްވެ އަހަރެންގެ ސިކުނޑިން ތި ސޫރަ ނުފިލައިގެން މި އުޅެނީ؟" ތަސްވީރަށް ބަލަން ހުރެ ޝެލިން ބުނެލިއެވެ. ބޭއިހްތިޔާރުގައި އެ ކުރެހުމުގައި ފިރުމާލެވުނު އިރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ހަވީރު ބޭރަށް ދިޔުމުގެ ހިޔާލު ދިނީ ލިޔާނާއެވެ. ފެންވަރައިގެން ނުކުތް ގޮތަށް ޝެލިން އޭސީ ނިއްވާލިއެވެ. ކޮޓަރީގައި ހިފާވައިވި ފިނިކަމުން އެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އަލަމާރިން ނެގި ހުދު ކުލައިގެ ފުޅާ ހަރުވާޅާ އެކު ޝެލިން ގަޔަށް ހެޔޮވަރު ކޮށްލީ އަތްދިގު ޓީޝާޓެކެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލި ގޮތަށް އޮތީއެވެ. މޫނުގައި ކޮށްފައިވީ ލުއި މޭކަޕެކެވެ. އެ މޫނުން ފެންނަން ހުރި ތާޒާކަމާއެކު ޝެލިން ފެންނަނީ ނުހަނު ހަމަޖެހިފައި ހުރިތަނެވެ.

" ސެންޓު ފުޅީ ހުސްކޮށްގެން ދޯ ތި ނުކުތީ؟". ސިޓިންގްރޫމުގައި އިން މިކްޔާލްއަށް ޝެލިން ފެނުމާއެކު ދިމާކޮށްލިއެވެ. ޝެލިންގެ މޫނަށް ރަތްކަމެއް ވެރިވެގެން ދިޔައީ ކަރަމް ވެސް އިނުމުންނެވެ. އެފަދަ ނުބައި ސަމާސާއެއް މިކްޔާލް ކޮށްލުމުން ޝެލިންއަށް ތުންކޮޅު ދަމާލެވުނެވެ. އެއާއެކު ކަރަމްގެ ތޫނު ނަޒަރު އެ މޫނަށް ހުއްޓިފައިވީ ގޮތުން ޝެލިން ހިތްހަމަނުޖެހުނެވެ. ނުރުހުންވެފައި ބަލާލެވުނީ އިހްތިޔާރުން ބޭރުގައެވެ. އެހެނަސް ކަރަމްއާ ނަޒަރު ސީދާކޮށްލެވުނު ހިނދު އިސްޖަހާލަން މަޖުބޫރުވީ އެ ލޮލުގައި ވި ނުރައްކާތެރި ވިދުވަރުންނެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް ކަރަމްގެ ނިޔަތާމެދު ޝެލިންގެ ހިތުގައިވީ ޝައްކެވެ.

" ދޮންބެ ޖޭ ވީ ދޯ! މަންމަ އައީމަ ބުނެދޭތި ޔާނުއާ އެކީ ބޭރަށް ދިޔަ ވާހަކަ. މެސެޖެއް ކޮށްފަ މި ދަނީ ވެސް. އެކަމަކު ވެސް ބުނެލާތި. އަދި އެއް ކަންތއް. ޝެލީގެ ފޯނުގަ ބެލެންސެއް ނެތް. އެހެންވީމަ ކުޑަ ޓިޕްސް ކޮޅެއް ވެސް ބޭނުން". އަވަސް އަވަހަށް ނުކުންނަން ދަމުން ޝެލިން ބުނެލީ މިކްޔާލްއަށް އަޑު އިވޭނެ ވަރަށެވެ.

ބޭރަށް ނުކުތް އިރު އިންތިޒާރުގައި ހުރި ލިޔާނާ ފެނުމުން ޝެލިން ހިނގައިގަތީ އެދިމާލަށެވެ. ލައިގެން ހުރި ޓޮޕް ކޮޅަށް ދަމާލާ ހެދުން ރީތި ކޮށްލީ ހިނގައިގަންނަމުންނެވެ.

" ހޫން ހޫނ.. ރީއްޗޭ.". ލިޔާނާ ބުނެލިއެވެ. ޝެލިންގެ ފަރާތުން ޖަވާބެއް ނުލިބުމުން ލިޔާނާ ހައިރާންވިއެވެ. އެހެންޏާ އެ މޫނުގައި ހުންނަ ހިނިތުންވުން ނެތްކަން އޭނާއަށް ފާހަގަވެ އެކަމާ ސުވާލުކޮށްލިއެވެ.

" ދޮންބެގެ މާ ފާޑެއްގެ ރައްޓެއްސެއް އެބަ އުޅޭ. ނޭނގެ ވާ ފޫއްސެއް. ބަލާލާ ގޮތުން ވެސް ބިރުން ހަލާކުވާ ވަރުވޭ. އެ ލޯ އެކަނި ވެސް އިންޒާރުދޭކަހަލަ. އަބަދުވެސް ޝެލީގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހުންނަހެން ހީވަނީ. ހީ އިޒް ސޯ ވިޔާޑް. ޔާނު ހަނދާންވޭތަ ވެމްޕަޔަރ ޑައިރީސްގަ އުޅޭ ޑޭމަން؟ ހަމަ އެ ބަލާލުން ހުންނަނީ. ސިއްރު އޭޖެންޓެއް ކަންނޭނގެ" އެއް ނޭވާއިން ޝެލިން ހުރިހާ ވާހަކައެއް ދައްކާލީ ނުހަނު ސިއްރުންނެވެ. އެހެން މީހަކަށް އެ ވާހަކަތަށް އަޑު އިވެން ނޭދޭ ފަދައަކުންނެވެ.

" ޝްޝް... ތި ބުނާ ކަހަލަ މީހެއް ވެއްޖެނަމަ އަޑު އިވިދާނެ. އެކަމަކު ދެން އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ވެސް ނޫން. ވެމްޕަޔަރުން އެއީ އުޅޭ ބަޔެއް ވެސް ނޫން. ހަމައެކަނި ހިޔާލީ ބައެއް. ޝެލީ ތި ހުންނަނީ ފިލްމުތައް ބަލަމުން ގޮސް އެ ހުރިހާ އެއްޗެއް ގަބޫލު ކޮށްލައިގެން". ލިޔާނާ ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ.

" ހެޔޮ ޔާނު ގަބޫލު ނުކުރިޔަސް. އަހަންނަށް ޔަގީންވަނީ ކަރަމް އެއީ ތަފާތު މީހެއްކަން". ލިޔާނާ އޭނާ ދެއްކި ވާހަކަތައް ގަބޫލު ނުކުރާހެން ހީވުމުން ޝެލިން ހިތްހަމަނުޖެހުނެވެ. މިކްޔާލް ވެސް ގަބޫލު ނުކުރީއެވެ. ޝެލިން ނިންމީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ. ނަމަވެސް އެ ހިޔާލު ސިކުނޑިން ފިލާ ނުދިޔައެވެ. ހުއްޓުމެއް ނެތި ކަރަމްއާ މެދު ވިސްނެމުން ދިޔަ އިރު ދޭތެރެއަކުން ހުވަފެނުގައި ފެނުނު ޒުވާނާ ވެސް ލޯ ކުރިމަތިން ސިފަވާހެން ހީވެއެވެ.

" ޔާނު، ގެއަށް ދާން ޖެހޭނެ އިނގޭ އިރުއޮއްސުމުގެ ކުރިން. އެހެން ނޫނީ މަންމަ ހުންނާނެ ގެއަށް ދާ އިރު ރުޅި ގަދަވެފަ". ޝެލިން ބުނެލީ އެމީހުންގެ މަންޒިލަށް ދެވުމުންނެވެ. އޭރު ރާޅުފަށުގައި ކުޑަކުދިން ގޮވައިގެން މީހުން އުޅޭތީ ފެނެއެވެ. އެދިމާލުން މޫދަށް އެރި އުޅޭ ބައެއް މީހުން ވެސް ވަކި މަދެއް ނޫނެވެ. ޝެލިންއާ އެކު ލިޔާނާ ޖައްސާލީ ވެއްޓިފައި އޮތް ރުކެއްގެ މަތީގައެވެ. އޭރު ޖެހިލާ ހިތްގައިމު ވައިރޯޅިން ޝެލިންގެ ފަން އިސްތަށިގަނޑާ ކުޅެލައެވެ.

" ޝެލީ. މި ގަޑީގަ ނުބަލާތި. އިރުކޮޅަކުން ބަލާނީ. ކަނާތް ފަރާތު ހިރުނދު ގަސް ކައިރީ އެބަ ހުރި ވަރަށް ރީތި ޒުވާނަކު. " ޝެލިންގެ ކަންފަތާ ކައިރިވެލަމުން ލިޔާނާ ބުނެލީ ނުހަނު ސިއްރުންނެވެ. ލިޔާނާ ބުނި ދިމާލަށް ޝެލިންގެ ބަލާލީ ލޮލުގެ ހިމަކޮޅުންނެވެ. އޭނާއަށް ވެސް އެ ބުނާ ޒުވާނާ ފެނިއްޖެއެވެ. ނަމަވެސް އެ މޫނު ފެންނަވަރު ނުވީ އެ ޒުވާނާ ފަސްއެނބުރި ހުރުމުންނެވެ. އެހެނަސް އެ ބިޔަ ހަށިގަނޑަށް ޝެލިންގެ ނަޒަރު އަމާޒުވެލިއެވެ. ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓުގެ މަތިން ވެސް އެ ޒުވާނާގެ ގައިގެ މަސްތަށް ފާހަނގަވާން ހުއްޓެވެ. ގަވާއިދުން ޖިމަށް ދާހެން ހީވެއެވެ. އެހާ ވެސް އެ ޒުވާނާ ފުރިހަމަ ކަމުގައި ޝެލިންގެ ހިތުގެ އަޑިން އެއްބަސްވެވުނެވެ.

" ތި ވަރަށް ނުބަލާ. އެސްފީނާ ޖެހިދާނެ. " ހިނިގަނޑެއް ޖަހާލަމުން ލިޔާނާ ބުނެލުމާއެކު ޝެލިން ތުން އަނބުރާލިއެވެ. ލިޔާނާއަށް ބަލާލުމަށްފަހު ޝެލިން އެނބުރި ބަލާލިއިރު އެ ޒުވާނާގެ ނިޝާނެއް ނެތެވެ. އިންތަނުން ތެދުވެ ކިތަންމެ ވަރަކަށް ހޯދި ނަމަވެސް ދެން އެ ޒުވާނާއެއް ނުފެނުނެވެ. އެކަމުން ޝެލިންގެ ހިތް މާޔޫސްވީ ކީއްވެ ކަމެއް ނޭނގުނެވެ. އެހެނަސް އަދި އޭނާ ފެންނާނެ ކަމުގެ އުންމީދު ޝެލިންގެ ހިތުގައި ވިއެވެ. ހާއްސަކޮށް އެ މޫނު ދެކިލާހިތްވިއެވެ.

އިރުއޮއްސެން ވާއިރަށް ގެއަށް ދިޔުމަށް ދެ ޒުވާނުން ތެދުވި އިރު ވެސް ޝެލިންގެ އެ އުންމީދު ހާސިލެއް ނުވިއެވެ. ގެއާ އަތިރިއާ މާ ދުރު ނޫން ކަމުން ނުހަނު އަވަހަށް ގެއަށް ދެވުނެވެ. ގެއަށް ވަދެވުނު އިރު މަޤްރިބަށް ބަންގި ގޮވަނީ ކަމުގައި ވިޔަސް ނަސީބަކުން މައިރާ އެއްޗެކޭ ނުބުންޏެވެ. އެކަންވީ ޝެލިންއަށް ލިބުނު ހަމަޖެހުމަކަށެވެ.

އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެވުމާއެކު ޝެލިން ހައިރާންވިއެވެ. ހިތުގައި އުފެދުނީ ނުތަވަސްކަމެކެވެ. އެނދުމަތީ ވަޔާ އެކީ ދެފަރާތަށް ހެލިލާ އޮތް ގަނޑު ފެނުމުން ބަލާލެވުނީ ގަބޫލުކުރަން އުނދަގޫވެފައި ހުރެއެވެ.

ލަސްފިޔަޅު ތަކެއްގައި ގޮސް ޝެލިން މަޑުކޮށްލީ އެނދު ކައިރީގައެވެ. ގުދުވެލާ އެނދުމަތީ އޮތް ގަނޑު އަތަށް ނެގުމާއެކު އެއަށް ބަލާލެވުނީ ފަރުވާތެރި ނަޒަރަކުންނެވެ.

** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)

(ނިމުނީ)