ސިޔާސީ ފިކުރުގައި ދިވެހިރާއްޖެ އެންމެން އެއްގަލަކަށް ނާރާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ގައުމީ ދުވަހުގެ އިހުތިފާލުގައި ރައްޔިތުންނާ އިދިކޮޅު ހުރިހާ ލީޑަރުން އެންމެން އެއްގަލަކަށް އަރަން ވެއްޖެކަމަށް ވިދާޅުވަމުން އަންނަ ކަމަށެވެ.

Ad
rt

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ތިލަދުންމައްޗަށް ވަޑައިގައިގަތީ އެ ގާ ހޯއްދެވުމަށް ކަމަށާއި، އެ ގާ ހޯއްދެއްވުމަށް އައްޑޫ ސިޓީއަށް ވެސް ވަޑައިގެންފިކަމަށް ޔާމީން ވިދާޅުވިއެވެ.

''ދެން މި ގާ ހޯދަން ތިލަދުންމައްޗަށް ވަޑައިގަތީ މިފަހަރުގެ ރައީސް، އެ ގާ ހޯދަން ވަޑައިގެންފި އައްޑު އަތޮޅަށް ވެސް، އެކަމަކު މިއަދު ސިޔާސީ ފިކުރު ތަފާތުވެ، މީހުންގެ ވިސްނުމާއި އިއުތިގާދު ބަދަލުވެގެން ދިޔައީމަ އަޅުގަނޑުމެންނަށް އެންމެނަށް އެއްގަލަށް އަރާ ތިބެވޭނެ ގަލެއް ނުފެނުނޭ،'' ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ މިހުރިހާ ފަޅުތަކާއި ގިރިތަކާއި ބަލާއިރު ވެސް އެވަރުގެ ގަލެއް ދެން ދިވެހިރާއްޖެއަކުން ނުފެންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''ދިވެހިރާއްޖޭގެ އެންމެން ޚިޔާލު ތަފާތުވެގެން ދިޔަދިޔައިނުން އެންމެން އަލުން އެއްގަލަށް އަރާނެގޮތް އަމުދުން އަލްވަދާއު ކިޔާފަ މިއޮތީ، ސިޔާސީ ފިކުރުގައި ދިވެހިރާއްޖެ އެންމެން އެއްގަލަކަށް ނާރާނެ'' ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މިހާރުގެ އިދިކޮޅުން މިދިޔަ ދައުރުގައި ސަރުކާރު ހިންގެވިއިރު ރައްޔިތުންނަށާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަން ހައްލުކޮށް ދިނުމަށް ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަށް އަރާނެ ނަމައޭ ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށެވެ.

''އަޅުގަނޑުމެން ސަރުކާރުގައި ތިބިއިރުވެސް ހިތަށް އަރާ، ރައްޔިތުންނަށް ޤައުމަށް ދިމާވާ ބޮޑެތި ކަންކަން ހައްލުކޮށް ދިނުމަށް ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަށް އަރާނެ ނަމައޭ، އެކަމަކު އެއްގަލަށް ނާރާނެ ކަން ވެސް އިނގޭ، އެހެންވެ އެކަން އިލްތިމާސެއްގެ ގޮތުގައި ނުދައްކަން،'' ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މިހާރުގެ ސަރުކާރު ހިންގަވާ ބޭފުޅުން އޭރު އިދިކޮޅުގައި ތިއްބަވާފައި، މިއަދު ވެރިކަން ލިބުމުން ''އެއްކަލަ އެއް ގާ'' ހޯދަމުން އަންނަ ކަމަށެވެ.

''ކޮންތާކުންތޯ އެ އެއްގާ ހޯދާނީ، އަޅުގަނޑުމެން ސަރުކާރު ހިންގިއިރު އެހާ ދަތިކޮށްފަ، އޭގެ ސަބަބުން ރައްޔިތުންނަށްޓަކައި ހިންގަން އުޅުނު ބޮޑެތި މަޝްރޫޢުތައް ބީވެގެން ގޮސްފައި، މިހާރު މިބުނަނީ ތިމަންނަމެން މިކުރާ ކަންކަމުގައި ރައްޔިތުން އެއްގަލަށް އަރާށޭ'' ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އިސްލާމްދީނާއި ގައުމިއްޔަތުގެ ވާހަކަ ސަރުކާރު ކޯލިޝަނާއި އެހެން ޕާޓީތަކުގެ ލީޑަރުން ކިތަންމެ ވަރަކަށް ދެއްކެވިޔަސް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވާހަކައެއް ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އެމަނިކުފާނާއި ސަރުކާރާ ދެމެދު އޮތް އިންތިޚާބެއް ނޫން ކަމަށާއި އެ އިންތިޚާބަކީ ރާއްޖޭގައި އިސްލާމްދީނާއި ދިވެހިން ސަގާފަތާއި މިނިވަންކަން އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއް ކަމަށެވެ.