މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ވަނީ މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަން ޖެހޭ މުހިންމު 14 ގަވާއިދެއް ހެދުމުގެ މަސައްކަތް ވަނީ ނިންމުމުގެ މަރުހަލާގައި ކަމަށެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ހަރުދަނާ ކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭންއެއް އެކުލަވާލައި، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ އެހީގައި ކަންކަން ހަރުދަނާ ކުރުމަށް މިއަހަރު މަސައްކަތް ފަށާފައިވާކަން ހާމަކޮށް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ ގަވާއިދުތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގަވާއިދު ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެ ފަރާތްތަކުގެ ތައުލީމާއި ތަމްރީނާއި ސަނަދާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ މުއާހަދާގެ ދަށުން ލާޒިމު ކުރާ ގަވާއިދުތައް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ކަނޑުދަތުރުފަތުރާ ބެހޭ ދުވަހުގެ މިއަހަރުގެ ޝިއާރު ކަމުގައިވާ "ނިއު ޓެކްނޮލޮޖީސް ފޯ ގްރީނާ ޝިޕިންގ" އާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޝިއާރަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ދރާއްޖެއަށް ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ.
އެގޮތުން މޫސުމަށް އަންނަ ވަރަށް ކުޑަކުޑަ ބަދަލަކުން ވެސް ރާއްޖެއަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ތައްޔާރު ވާން ޖެހޭ ކަން އެ މިނިސްޓްރީން ފާހަގަކޮށް އެ ސިނާއަތަށް ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ވަރަށް ގިނަ ކަންކަން ކުރެވެމުން އަންނަކަން ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވުމާއެކު މި ދުވަސް ދިވެހިރާއްޖޭގައި ވެސް އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ފާހަގަކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!